މުސާރަ ޑޮލަރުން ދިން ނަމަވެސް ޕެންޝަން ފައިސާ ޖަމާވާނީ ދިވެހި ރުފިޔާއިން ކަމަށް ޕެންޝަން އޮފީހުން ހާމަކުރައްވައިފިއެވެ.
ޕެންޝަން އޮފީހުން މިކަން ހާމަކޮށްފައިވަނީ، ބައެއް ފަރާތްތަކުން ޕެންޝަން ފައިސާ ދައްކަނީ ޑޮލަރުން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ޕެންޝަން އޮފީހުން ފާހަގަކުރެއްވި ގޮތުގައި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ އަބަދުވެސް ދިވެހި ރުފިޔާއިން ހިންގަމުން އަންނަ ސްކީމެކެވެ. ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތެއްވެސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކޮށް ފައިސާ ޖަމާކުރުން ލާޒިމް ކުރެއެވެ. އެގޮތުން ގަވާއިދާ އެއްގޮތަށް، ވަޒީފާ އަދާކުރާ ފަރާތުގެ އަސާސީ މުސާރައިގެ މަދުވެގެން 7 އިންސައްތަ މުވައްޒަފުގެ އަތުން އަދި މަދުވެގެން 7 އިންސައްތަ ވަޒީފާ ދޭ ފަރާތުން ކޮންމެ މަހަކުވެސް ސްކީމަށް ޖަމާކުރަން ޖެހެއެވެ.
އެ އޮފީހުން ވިދާޅުވީ މުސާރައިގެ ގޮތުގައި ބޭރު ފައިސާ ނުވަތަ ޑޮލަރު ދިން ނަމަވެސް، ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރާނީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި ބޭރު ފައިސާއިން މުސާރަ ލިބޭނަމަ ޕެންޝަނަށް ޖަމާކުރާ ފައިސާ ހިސާބުކުރާނީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ އަދަދު ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް ފަހުގައެވެ.
މީގެ އިތުރުން، ޕެންޝަން ފައިސާ އިންވެސްޓްކޮށްގެން ލިބޭ ފައިދާ އާއި ރިޓަޔަރވުމުން ޕެންޝަންގެ ގޮތުގައި ދޫކުރާ ފައިސާ ރެކޯޑު ކުރުމާއި ދޫކުރުންވެސް ކުރިއަށްދާނީ ދިވެހި ރުފިޔާއިންނެވެ. މިއީ މިހާރު ފެންމަތިވެފައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ބޭރު ފައިސާއާ ގުޅޭ އުސޫލުތަކާ ގުޅުމެއް ނެތް، އަދި އެ އުސޫލުތަކުގެ ސަބަބުން އަލަށް ގެނައި ބަދަލެއް ނޫންކަންވެސް ޕެންޝަން އޮފީހުން ވަނީ ސާފުކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގައި މިވަގުތު ބޭރު ފައިސާ ބޭނުންކުރާ މިންވަރު 40 އިންސައްތައިން މަތީގައި ހުރިއިރު، މީގެ ތެރޭގައި ބޭރު ފައިސާއިން މުސާރަ ދިނުމާއި އެކި މުޢާމަލާތްތައް ކުރުން ހިމެނެއެވެ.
މަރުކަޒީ ބޭންކުގެ އަމާޒަކީ ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް އިތުރުކުރުމަށްޓަކައި 2030 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އެންމެހައި މުޢާމަލާތްތައް ދިވެހި ރުފިޔާއިން ހިންގުމަށް ބަދަލު ގެނައުމެވެ.



