މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މުވައްޒަފުން އަމިއްލައަށް ޑިޒައިންކޮށް، އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަ ޒަމާނީ އައު އޮޑިޓޯރިއަމް ނިންމައި ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޮޑިޓޯރިއަމް ހުޅުވައިދެއްވިއިރު، މި ހަފްލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އާއި ބޯޑު މެމްބަރުންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި މުވައްޒަފަކަށް ހައްޖު ދަތުރެއް ވެސް ވަނީ ހަދިޔާކޮށްފައެވެ.

މި އައު އޮޑިޓޯރިއަމް ކުރިއަށް އޮތް ތަނުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްޑަބްލިއުއެސްސީގެ ރަސްމީ ބައްދަލުވުންތަކަށާއި، ތަމްރީނު ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ އެކި ހަފްލާތަކަށެވެ.
މި މާލަމާ ގުޅޭގޮތުން މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 425 މީހުންގެ ޖާގައިގެ މި އޮޑިޓޯރިއަމްގައި ބޯޑު ރޫމަކާއި ކޭޓަރިން ހިދުމަތް ދެވޭނެ އިންތިޒާމުތަކުގެ އިތުރުން އެންމެ ޒަމާނީ އާލާތްތައް ގާއިމުކޮށްފައިވާ ކަމަށެވެ.

އަދި މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި މުވައްޒަފުން ދެއްކި ހުނަރާއި ގާބިލުކަން ފާހަގަކުރައްވައި ފަހުމީ ވަނީ އެންމެހައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.



