މ. މަޑުއްވަރީގައި އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ އެ ރަށުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރަފީއު (ރާފިއު) އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މަޑުއްވަރީގައި މިއަދު ހުޅުވުނު ވޮލީ ކޯޓާއެކު އެންމެ ބޮޑު އުންމީދަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ ފެންވަރުގެ މޮޅު ވޮލީ ކުޅުންތެރިންތަކެއް އެ ރަށުން އުފެދިގެން ދިއުން ކަމަށެވެ.
އަދި އެ ރަށުގެ ޒުވާނުންނާއި އެންމެހާ ރައްޔިތުންވެސް މި ވަސީލަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި، ޒިންމާދާރުކަމާއެކު ހިފުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުރާ ކަމެއް ނޫންކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދީ، އަހުލާގާއި ސުލޫކު ރަނގަޅުކޮށް، މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް ކަމަށެވެ. މީގެ އިތުރުން، ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ސަރުކާރު އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ވަނީ ދެއްވާފައެވެ.

ރާއްޖޭގެ އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ދަށުން، މިހާރުވެސް އިތުރު 10 ރަށެއްގައި އައުޓްޑޯ ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ސްޕޯޓްސް މިނިސްޓްރީން ފާހަގަކުރެއެވެ.



