އއ.ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ %46 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއިން ބުނެފިއެވެ.
އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބަނދަރު ޕޭވްމަންޓާއި ކޮންކޮރީޓް މަސައްކަތްތަކެވެ.
ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 50.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި 16 ޖަނަވަރީ 2023 ގައި ސޮއިކޮށްފައިވާއިރު، ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 15 އޯގަސްޓް 2023 ގައެވެ.
ފެރިދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 35،695 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، އެއްގަމުތޮށި ވަރުގަދަކުރުމަށް 213 މީޓަރުގެ ޕްރީކާސްޓް އެލް-ބްލޮކް ގާތޮށިލުން ހިމެނެއެވެ. މީގެއިތުރުން، ރަށްގިރުމުން ސަލާމަތްކުރުމަށްޓަކައި 550 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ހަމައެއާއެކު، އުޅަނދުފަހަރު ބަނދަރަށް ވަދެނިކުތުމަށް ލުއިފަސޭހަކުރުމުގެ ގޮތުން 80 މީޓަރުގެ ޖެޓީއަކާއި 12 މީޓަރުގެ ބްރިޖެއް އެޅުމުގެ އިތުރުން، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެއެވެ.
ރާއްޖޭގެ ބަނދަރު ނެތް ބައެއް ރަށްރަށުގައްޔާއި، ބަނދަރު ހަލާކުވެ، ބަނދަރުގެ ޖާގައިގެ ދަތިކަން ދިމާވެފައިވާ ރަށްރަށުގައި އައު ބަނދަރުތައް ތަރައްޤީ ކުރުމަށް އެމްޓީސީސީއިން އަންނަނީ، އެކި ރަށްރަށުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަމުންނެވެ.



