މި އަހަރުގެ ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެސްޓީއޯ އިން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ކޮންމެ އަހަރެއްގެ ވެސް 30 އޮގަސްޓް ވަނަ ދުވަހު ޤައުމީ އިންޖީނިއަރުންގެ ދުވަސް ފާހަގަ ކުރަމުން އަންނައިރު މި އަހަރު އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ބޭއްވި ހަރަކާތްތަށް އަމާޒު ކުރެވިގެން ދިޔާއީ، އިންޖީނިއަރިންގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރުންނަށެވެ.
އެގޮތުން، މި ދާއިރާއިން ކިޔަވަމުން އަންނަ ކުދިންނަށް ހާއްސަކޮށްގެން، އެސްޓިއޯގެ ޓްރެއިނިންގެ އިންސްޓިޓިއުޓްގައި އިވެންޓެއް ވަަނީ ކުރިއަށް ގެންގޮސްފައެވެ.
ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގްގެ ދަރިވަރުންނާއި އެކު ކުރިއަށް ގެންދެވުނު މި އިވެންޓު ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީއެވެ. ޗާންސެލަރ ގެ އިތުރުން އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް، އަދި އެސްޓީއޯ އަދި އެމްއެންޔޫގެ އިސްވެރިން އިވެންޓުގައި ބައިވެރިވިއެވެ.
މި އިވެންޓުގައި، އެސްޓީއޯ ކޮންސްޓްރަކްސް ސޮލިއުޝަންސުން، ރާއްޖޭގެ ކޮންސްޓްރަކްޝަންސް ދާއިރާގައި ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން، ބައިވެރިންނަށް ކުރުގޮތަކަށް މައުލޫމާތު ދެވިގެން ދިޔައެވެ.
މި އިވެންޓަށްފަހު، އިވެންޓުގައި ބައިވެރިވި ދަރިވަރުންނާއިއެކު ސައިޓް ވިޒިޓްތަކެއް ވަނީ ކުރިއަށް ގެންދެވިފައެވެ.
އެގޮތުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންގެ ރެޑީމިކްސް ކޮންކްރީޓް އުފައްދާ ސައިޓަށް ޒިޔާރަތްކޮށް އަދި އެތަނުގެ ކޮންކްރީޓް ލެބްގައި ކުރެވޭ މަސައްކަތްތަށް، ބައިވެރިންނަށް ދައްކާލިއެވެ.
މީގެ އިތުރުން، މަކިޓާ ޝޯރޫމްއަށާއި ނިޕޯން ޕެއިންޓްގެ ކަލަރ މިކްސިންގެ ޓެކްނޮލޮޖީގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށްވެސް ބައިވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އިންޖިނިއަރިންގެ ޓެކްނިކަލް އެންމެ ބޮޑު އެއް މަސައްކަތްކަމަށްވާ އެލަވޭޓާ/ ލިފްޓް އިންސްޓޮލޭޝަން މަސައްކަތް ކުރާ ސައިޓަކަށް ޒިޔާރަތްކޮށް އަމަލީގޮތުން މިމަސައްކަތް ކުރާގޮތް ވަނީ ދައްކާލާފައެވެ.



