އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން ދެއްވާ އަހައްމިޔަތުކަން ތިލަމާލޭ ބުރިޖުގެ މަސައްކަތުން ހާމަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއާއި ވިލިމާލެ ގުޅުވާލަދޭ ތިލަމާލެ ބުރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، ބުރިޖުގައި ކުރިއަށްގެންދިޔަ ހިންގާލުމުގެ ތެރެއިން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެންމެ އިސްކަމެއް ދިނީ މި މަޝްރޫއުތަކުގެ ދުވެލި އަވަސް ކުރުމަށް ކަމަށް ފާހަގަކުރައްވައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއި ހަނިމާދޫ އެއާޕޯޓު ފަދަ މުހިންމު މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމާލެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ތިލަމާލެ ބުރިޖުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވީއިރު އެ މަޝްރޫއުގެ މަސައްކަތް ދިޔައީ އެހާ ބާރު ދުވެއްޔެއްގައި ނޫން ކަމަށެވެ. އެހެންނަމަވެސް، އިންޑިއާ ސަރުކާރާއި ގުޅިގެން މަޝްރޫއުގެ ދުވެލި އަވަސްކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވެ، އިންޑިއާ ސަރުކާރަށާއި ސަފީރަށް، އަދި ބިނާރާބެހޭ ވަޒީރަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
މީގެއިތުރުން، މަޝްރޫއުގެ ކޮންޓްރެކްޓަރ އެފްކޮންސްއިން މިވަގުތުވެސް ބުރިޖުގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދާ ކަމަށާއި، މިހާރު ބުރިޖު އެއްކޮށް ގުޅާލެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި ބުރިޖުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިންޑިއާއަކީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށް މުހިންމު ބައިވެރިއެއް ކަމަށާއި، ތިލަމާލެ ބުރިޖަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.



