މާލެ ސިޓީގެ ފަޅުތެރެއަށާއި މަގުމައްޗަށް ޤަވާޢިދާ ޚިލާފަށް ކުނިއަޅާ ފަރާތްތައް ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ އަދި ވީޑިއޯ ޚާއްޞަ ހޮޓްލައިން ނަންބަރަކަށް ފޮނުވައިދިނުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ.
ސިޓީ ކައުންސިލުން ވަނީ މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުވައިދިނުމަށް އެދިފައެވެ.
މިއީ މާލޭގެ ވެށި ސާފުތާހިރުކޮށް ބޭއްވުމަށާއި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކުނިއަޅާ ފަރާތްތައް ދެނެގަނެ ފިޔަވަޅު އެޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ކައުންސިލުން ހާމަކުރެއެވެ.
ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މާލެ ސިޓީގެ ފަޅުތެރެ ސާފުކޮށް ބޭއްވުމަށްޓަކައި ކައުންސިލުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިގޮތުން ފަޅުތެރެ ސާފުކުރުމުގެ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރިއަށްގެންދާ މަސައްކަތެކެވެ.
މާލެ ސިޓީގެ ވެށި ރީތިކޮށް އަދި ސާފުތާހިރުކަންމަތީ ދެމެހެއްޓުމަށްޓަކައި ކުރަމުންދާ މި މަސައްކަތުގައި ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، މަގުތަކަށާއި ފަޅުތެރެއަށް ކުނި ނޭޅުމަށާއި، މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ޙިއްޞާކޮށްދިނުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.



