އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދިން ގޮތުގައި، ސެގްމެންޓު 1 ގެ އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އަދި މިއީ މި މަޝްރޫޢަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، އޭބީސީ ފަށަލަ އަޅާ ނިމުމާއެކު އެ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ވަގުތުން ފެށިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ދެ މަރުހަލާގެ މަސައްކަތްތައްވެސް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.

އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެގެން މަރާމާތުކުރަމުންދަނީ ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. އޭގެތެރެއިން ސެގްމަންޓް 1 ގެ ގޮތުގައި މިވަގުތު މަރާމާތު ކުރަމުންދަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮތް ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެވެ. މި މަސައްކަތުގެ ތެރެއިން މަގުގެ އަޑީގައި އަޅާފައިވާ ޔުޓިލިޓީ ވިއުގަތައް ތަރުތީބުކުރުމަށް ބައެއް ބަދަލުތައް ގެނައުމާއި، ބަސް ހުއްޓާ ތަންތަނަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.
މަގުގެ ފެންވަރު ރަނގަޅުކޮށް ކޮލިޓީ ހިފެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަސައްކަތްތައް މިއަހަރުގެ ނޮވެންބަރު މަހަށް މުޅިން ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ.

މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައިވާ ސަރަޙައްދުތަކުގެ ތެރެއިން ހަލާކުވެފައި ހުރި ތަންތަން މަރާމާތު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.



