މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ހަޔާތުގެ ވަރަށް ހާއްސަ އަދި ބާއްޖަވެރި އިހުސާސެއްކަން ފާހަގަކުރައްވައި، މާމަ ކާފަ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ފޮނުއްވައިފިއެވެ.
އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ހަޔާތުގެ ވަރަށް ހާއްސަ އަދި ބާއްޖަވެރި އިހުސާސެއް ކަމަށާއި، އެއީ ކޮންމެ އާއިލާއަކަށް ވެސް އަގުނުކުރެވޭނެ ބޮޑު ނިއުމަތެއް ކަމަށެވެ.
މީގެއިތުރުން، ފުރިހަމަ ސިއްހަތާއި އުފާފާގަތިކަން ދިވެހި ކޮންމެ މާމައަކާއި ކާފައަކަށް ދެއްވުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.
ރާއްޖޭގައި ރަސްމީކޮށް މާމަ ކާފަ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަސް މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، މިއީ އުމުރުން ދުވަސްވީ އާބާދީއަށް އަޅުގަނޑުމެން އަދާކޮށްދޭންޖެހޭ ޒިންމާތަކުގެ ހަނދާން އައުކޮށްދޭ މުހިންމު ދުވަހެކެވެ. މިއީ ކޮންމެ ފަރުދެއްގެ ވެސް ބޮލުގައި އެޅިފައިވާ ގައުމީ އަދި އިޖުތިމާއީ ޒިންމާއެކެވެ.
މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އާއިލާއާއި މުޖުތަމައުގައި އިތުރުކޮށް، އެމީހުންނަށް އަދާކުރަންޖެހޭ ހައްގުތަކާއި ޒިންމާތައް އަދާކުރުމަށް ހަނދާންކޮށްދިނުމެވެ.
އަދި އެއްވެސް އުނިކަމެއް ނެތި ދަރިން ބަލާބޮޑުކުރުމަށް އެ ފަރާތްތަކުން އުފުލި ބުރައިގެ އަގުވަޒަންކޮށް، މައިންބަފައިންނަށްޓަކައި ދަރިން އަދާކުރަންޖެހޭ ވާޖިބުތައް ހަނދާންކޮށްދިނުމެވެ.




