ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ގއ. މާމެންދޫންއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މައްސަލައިގައި ގއ. މާމެންދޫން ހައްޔަރުކޮށްފައިވަނީ އެރަށު، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) ކަމަށެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ވިއްކާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަންގައި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ބަލައި ފާސްކުރި ދެ ގެއިން، ވަގުތީ ބަރުދަނުގައި 17.7 ކިލޯގެ މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި އިތުރު ތަންތަން ބަލައިފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕަރ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް އާއި ގުޅިގެންނެވެ. އަދި މި މަހުގެ ދެ ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި، އެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އަޕާ ސައުތު ޕޮލޮސްއާއި ޑްރަގް އެންފޯސްމެންޓް ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.



