ފައިސާގެ މުއާމަލާތްތައް ކުރުމުގެ މަގުފަހިކޮށްދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދަށް އިސްލާހުތަކެއް ގެނެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ގެޒެޓް ކޮށްފިއެވެ.
ޕީއެސްޕީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާގޮތުން ފައިސާ ފޮނުވުމުގައި މެދުވެރިއެއްގެ ގޮތުގައި ޚިދުމަތްދޭ ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިއުޓަކުން، މަސައްކަތު ދެ ދުވަހުގެ ތެރޭގައި އެ މުއާމަލާތަކާ ރައްދުވާ ބެނެފިޝަރީގެ ދިވެހިރާއްޖޭގެ ބޭންކު އެކައުންޓަށް ފައިސާ ލިބޭނެގޮތް ހަދަންޖެހެއެވެ.
މީގެ އިތުރުން، ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ވަނީ ބަދަލު ގެނެސްފައެވެ.
އެ ގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް، އަދި ރެމިޓެންސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އެންމެ މަދުވެގެން ބަހައްޓަންޖެހޭ އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 2،000،000 ރުފިޔާ އަށް ވަނީ އިތުރު ކޮށްފައެވެ. އަދި ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 1،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.
މި ބަޔާންކޮށްފައިވާ އުސޫލަށް ބޭންކްތަކުން ޢަމަލުކުރަން ފަށާނީ މިހާރުން ފެށިގެން 6 މަސް ދުވަސް ފަހުންނެވެ.
ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް އައިސްފައިވާ ބަދަލު:
- އިލެކްޓްރޯނިކް މަނީ އިޝޫކުރުން 500،000 އިން 2،000،000އަށް
- ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުން 200،000 އިން 2،000،000އަށް
- ރެމިޓެންސްގެ ޚިދުމަތް 200،000 އިން 2،000،000އަށް
- ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް 100،000 އިން 1،000،000އަށް
- އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުން 100،000 އިން 1،000،000އަށް
އެމްއެމްއޭއިން ބުނިގޮތުގައި، ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް ގެނެވުނު ބަދަލުތަކުގެ ބޭނުމަކީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެ ތަންތަނުގައި ހުރިކަން ކަށަވަރުކުރުމެވެ.
އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމެވެ.



