ދިވެހިރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ، އެ ޤައުމުގެ ސަރުކާރަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ސަފީރު ޑރ. ޒުހުރީގެ ފަތްކޮޅު ޤަބޫލުފުޅުކުރެއްވީ ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަން އެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ދިވެހި ރައްޔިތުންގެ ފަރާތުން ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮ އެދުންތަކާއި ތަހުނިޔާ ސަފީރު ވަނީ އަރިސްކުރައްވާފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ކުރިއަށް އޮތް ތަނުގައި މި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ސަފީރު ޒުހުރީ ވިދާޅުވިއެވެ. ހަމައެއާއެކު، ފަލަސްޠީނުގެ ޙައްޤުގައި ދިވެހި ރައްޔިތުން އަބަދުވެސް ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޒުހުރީ ދެއްވިއެވެ.
މީގެ އިތުރުން، ފަލަސްޠީނަކީ މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ލިބިގެންވާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބަލައިގަންނަ ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އެ ޤައުމުގެ ބޯޑަރުތައް 1967 ގެ ކުރީގެ ބޯޑަރުތަކަށް ކަނޑައެޅި، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ހަމަޖެހިގެން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ފުރިހަމައަށް ޙިމާޔަތްކުރެވެން ޖެހޭނެ ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ޑރ. ވާސެން އަޤަބެކިއަން ވަނީ ސަފީރު ޑރ. ޒުހުރީއަށް މަރުޙަބާ ދަންނަވައި، އެމަނިކުފާނުގެ ދައުރުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ދިވެހިރާއްޖެއިން ފަލަސްޠީނަށް ކަނޑައެޅުއްވި އައު ސަފީރު މަޤާމުގެ ޒިންމާތައް އަދާކުރައްވާނީ ރާއްޖޭގައި ހުންނަވައިގެންނެވެ.



