ކުޑަކުދީންނަކީ މާތްﷲ، މައިންބަފައިންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ހުރިހާ ޙާލަތެއްގައިވެސް އެ ކުދީންނަށް ރައްކާތެރިކަން ދިނުމަކީ މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ކުޑަކުދީންގެ ޙައްޤުތައް“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ފާހަގަކުރި ގޮތުގައި، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ ވަނީ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވާފައެވެ.
އަދި އުންމަތުގެ ކުޑަކުދީންނަށް ރައްކާތެރި، އަމާން މާޙައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށްވެސް ހުތުބާގައި ބަޔާންކުރިއެވެ.
މީގެއިތުރުން، މި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖަކާއި ޢިމާރާތެއްގެ މަތިން ވެއްޓި ތުއްތު ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާތަކަށް އަލިއަޅުވާލައި، ކުޑަކުދީންނަށް އިހުމާލުނުވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެ ތެރޭގައި ރިވެތި ނަން ކިޔުމާއި، އިސްލާމީ ރިވެތި ތަރުބިއްޔަތު ދިނުމުގެ އިތުރުން އަނިޔާވެރިކަމާއި ތަފާތުކުރުންތަކުން އެކުދިން ސަލާމަތްކުރުން ހިމެނޭކަން ހަނދާންކޮށްދިނެވެ.
ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއްނެތި ލާއިންސާނީ އަނިޔާތައް ކުރާ މީހުން މުޖުތަމަޢުގައި އުޅޭކަމީ ހިތާމަހުރި ކަމެއްކަން ފާހަގަކުރަމުން، ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައި ”އަހަރެމެންގެ ތެރެއިން ކުޑަކުދީންނަށް އޯގާތެރިނުވާ މީހާއީ، އަހަރެމެން މުސްލިމުންގެ ތެރެއިންވާ މީހެއް ނޫނެވެ“ މިފަދައިން އައިސްފައިވާކަން ހުތުބާގައި ބަޔާންކުރިއެވެ.
އެހެންކަމުން، ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށާއި މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.



