ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއެކު ސާބިތުކަމާއެކު ވަރަށް ގަދަކޮށް ކަމަށް، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ، ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.
އެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، ކަޅުބާޒާރުގައި ޑޮލަރު މާރުކުރުން ހުއްޓުވުމަށްޓަކައި ގާނޫނަށް ގެނައި އިސްލާހާ މެދު އެންމެ ބޮޑަށް ރުޅިގަދަވެފައި ތިބީ ޕީއެންސީގެ މަޖިލީސް މެމްބަރުން ކަމަށާއި، މަޖިލީހުގައި ހިނގަމުންދަނީ އިންގިލާބެއް ކަމަށެވެ.
މީގެއިތުރުން ޔާމީން ވިދާޅުވެފައިވަނީ މަޖިލީހުގައި ކަޅުބާޒާރުން ޑޮލަރު ގަނެގެން ވިޔަފާރިކުރާ މީހުންނާއި ސަފާރީ ދުއްވައިގެން ޑޮލަރު ހޯދާ މީހުން އެބަތިބި ކަމަށެވެ. އަދި އެ މެންބަރުން ތިބީ ރައީސް މުއިއްޒުއާއެކު ގަދަކޮށް ނޫން ކަމަށާއި، ތިބީ ވަރަށް ރުޅިއައިސްފައި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވައި ފަލާހު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިހިވަނަ ރައްޔިތުންގެ މަޖިލީސް އޮތީ ސާބިތުކަމާއެކު ރައީސް މުއިއްޒުއާއެކު ވަރަށް ގަދަކޮށް ކަމަށެވެ.
”މުސްތަފާ ލާރިކޮޅެއް ބޭނުންވާއިރަށް މިކަހަލަ ބޯނުބައި ހަބަރެއް ހިފައިގެން އެދަނީ. ތިގޮތަށް ވާހަކައިން 20 ވަނަ މަޖިލީސް ރޫޅަނިކޮށް ދައުރު މިއޮތް ނިމެނީ“. ފަލާހު އިތުރަށް ވިދާޅުވިއެވެ.
އަދި ޔާމީނަށް ފާޑުވިދާޅުވަމުން ފަލާހު ވަނީ ޔާމީން މިހާރު އެމެރިކާއިން ގެންނަވާ ބޭސް ވެސް ނުގެންނަވަނީތޯ ސުވާލު އުފައްދަވާފައެވެ.


