މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖޭގައި އުފަންވި ކުދިންގެ އަދަދު މަދުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސިއްޙީ ވުޒާރާއާއި ތަފާސްހިސާބާބެހޭ ޤައުމީ އިދާރާ ގުޅިގެން ނެރޭ ”ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް“ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އުފަންވެފައިވަނީ ޖުމްލަ 2،538 ކުދިންނެވެ.
ރާއްޖޭގައި ވިހާ މަރުވާ މީހުންގެ ތަފާސްހިސާބުތައް ކޮންމެ ތިން މަހަކުން އަދާހަމަކުރާ މި ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 2،806 ކުދިން އުފަންވެފައިވެއެވެ. އެހެންކަމުން މިއަހަރުގެ އެ މުއްދަތުގައި އުފަންވި ކުދިންގެ އަދަދު ވަނީ %9.5 ނުވަތަ 268 ކުދިންނަށް ދަށްވެފައެވެ. ޖެންޑަރަށް ބަލާއިރު މިއަހަރުގެ މި މުއްދަތުގައި 1،309 ފިރިހެން ކުދިން އަދި 1،229 އަންހެން ކުދިން އުފަންވެފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އުފަންވީ 1،407 ފިރިހެން ކުދިންނާއި 1،399 އަންހެން ކުދިންނެވެ.
ޖޯގްރަފީ ގޮތުން ބަލާއިރު، މި މުއްދަތުގައި އުފަންވި ކުދިންގެ %70 ވިހާފައިވަނީ މާލެ ސަރަޙައްދަށެވެ. އަދި ބާކީ %30 ކުދިން އުފަންވީ އަތޮޅުތަކަށެވެ. މީގެއިތުރުން، އުފަންވި ގިނަ ކުދިންގެ މައިންގެ އުމުރަކީ 30 އަހަރާއި 34 އަހަރާ ދެމެދުކަން ފާހަގަކުރެވިފައިވެއެވެ.
ނިޔާވި މީހުންގެ ތަފާސްހިސާބަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 813 މީހުން ނިޔާވެފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ނިޔާވި 703 މީހުންނާ އަޅާބަލާއިރު އިތުރު އަދަދެކެވެ. ނިޔާވި މީހުންގެ ތެރޭގައި ގިނައީ އުމުރުން 65 އަހަރުން މަތީގެ މީހުން ކަމަށްވާއިރު، މިއަހަރު ނިޔާވި މީހުންގެ ތެރޭގައި 89 ބިދޭސީން ހިމެނެއެވެ. މިދިޔަ އަހަރު މި އަދަދު ހުރީ 72 ގައެވެ.
ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުންދިއުމަކީ އާބާދީއަށާއި އިޤްތިޞާދަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ތަޖުރިބާކާރުން ބަޔާންކުރެއެވެ.
ޒުވާން އާބާދީ މުސްކުޅިވަމުންދާއިރު މަސައްކަތްކުރާ އާބާދީ މަދުވުމުގެ ނުރައްކާ އޮތްއިރު، އުފަންވާ ނިސްބަތް ދަށްވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ވަރި ގިނަވުން ފަދަ އިޖުތިމާޢީ މައްސަލަތައް ހިމެނެއެވެ.



