މާލޭ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، އިތުރު ބިދޭސީންތަކެއް ބަލައި ފާސްކޮށް އޭގެ ތެރެއިން 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެން ހާއްސަ ޓާސްކްފޯސްއިން އިއްޔެ ވަނީ މާލޭގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގެ ތެރޭގައި ޖުމްލަ 426 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ. އަދި މިގޮތަށް ބަލައި ފާސްކުރެވުނު މީހުންގެ ތެރެއިން، ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ 13 ބިދޭސީއަކު ފާހަގަކުރެވި، އެ މީހުން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ދެނެގަނެ، ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހިންގާ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ ފިޔަވަހި މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހު މާލެ ސަރަހައްދުގައި ވަނީ ފަށައިފައެވެ.




