މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ޖުމްލަ 113 މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައި ކަމަށެވެ.
މީގެކުރިން މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި، މި ސަރުކާރު ވެރިކަމާ ޙަވާލުވުމަށްފަހު ވަނީ މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭވެސް އެއްފަދައިން މަސްވެރިންނަކީވެސް ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ފިޝަރީޒް މިނިސްޓްރީން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށް، މޭ މަހުން ފެށިގެން ވަނީ މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައެވެ.
މަސްވެރިންނަށް މި ލޯނުތައް ދޫކުރަމުން ގެންދަނީ ”މަސްވެރިޔާ ޕޯޓަލް“ މެދުވެރިކޮށެވެ. މިއީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް، އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް އޮންލައިންކޮށް ހުށަހެޅޭނެހެން ފަރުމާކޮށްފައިވާ ޕޯޓަލެކެވެ.
މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް މަރާމާތުކުރުމަށާއި، މަސްވެރިކަމުގެ ސާމާނު ގަތުމާއި އައު ކުރުމުގެ އިތުރުން، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް ލޯނަށް އެދި ހުށަހެޅެއެވެ. މީގެއިތުރުން އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށާއި، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް ލޯނަށް ހުށަހެޅުމުގެ ފުރުޞަތު އޮވެއެވެ.
މި ނިޒާމުގެ ސަބަބުން ބީއެމްއެލްގެ ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި އަދި ކޮންމެ ވަގުތެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު މި ސްކީމްތަކަށް އެދި ހުށައެޅުމުގެ މަގު ވަނީ ފަހިވެފައެވެ.



