އޭޝިއާ ޕެސިފިކް މީޑިއާ ފޯރަމް ޗައިނާގައި ފަށައިފިއެވެ.
މި ފޯރަމަކީ ޗައިނާގެ ސީޕީސީ ކެންޓްރަލް ކޮމިޓީއާއި، ޒިންހުއާ ނިއުސް އެޖެންސީ އަދި ގުއަންޑޮންގް ޕްރޮވިންޝަލް ގަވަރމަންޓް ގުޅިގެން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ.
މި ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޗައިނާގެ ޝެންޖެންގައެވެ. އަދި ފޯރަމްގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ހަރަކާތްތައް ޗައިނާގެ ތިން ސިޓީއެއްގައި މި މަހުގެ 3 އިން 4 އަކަށް ވަނީ ކުރިއަށްގެންގޮސްފައެވެ. ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މި ސަރަޙައްދުގެ އެކި ޤައުމުތަކުގެ މީޑިއާ ކުންފުނިތަކާއި، މީޑިއާ ދާއިރާއަށް ޚާއްސަ ޔުނިވަރސިޓީތަކާއި، ސަރުކާރުތަކުގެ މުއައްސަސާތަކުގެ އިތުރުން އދ. ގެ އެޖެންސީތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ތަމްސީލުކުރާ ފަރާތްތަކުން ވަނީ ވާހަކަދައްކަވާފައެވެ.
ފޯރަމްގެ ތެރެއިން މައިގަނޑު ދެ ޕެނަލް ޑިސްކަޝަނެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރެއިން ފުރަތަމަ ޕެނަލް ޑިސްކަޝަންގެ މަޢުޟޫއަކީ ”އެކި މުޖްތަމަޢުތަކުގެ ވާހަކަތަކުން އުނގެނުން“ މިއެވެ. ދެވަނަ ޕެނަލް ޑިސްކަޝަންގައި މަޝްވަރާކޮށްފައިވަނީ ޤައުމުތަކުގެ ސިނާއީ ބަދަހިކަމާ ގުޅޭ ތަޖުރިބާތަކުގެ މައްޗަށެވެ.
ފުރަތަމަ ޕެނަލް ޑިސްކަޝަންގައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޗެއަރޕާޝަން އައިމިނަތު ނަމްޒާ ވަނީ ވާހަކަދައްކަވާފައެވެ. ނަމްޒާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވެފައިވާ ބޮޑެތި ޤައުމުތަކުގެ ޚަބަރުތައް ގެނެސްދޭ ބީދައިން، ކުދި ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުން ހޯދާ ކާމިޔާބީތަކާއި އެ ޤައުމުތަކުން ރަނގަޅަށް ކުރާ ކަންތައްތަކުގެ ޚަބަރުތައް ގެނެސްދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
މިއަހަރުގެ ސަމިޓުގައި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ 42 ޤައުމެއްގެ 220 މީޑިއާއަކުން ބައިވެރިވެއެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މީޑިއާ ކުންފުނިތަކާއި، މީޑިއާ ދާއިރާއަށް ޚާއްސަ ޔުނިވަރސިޓީތަކާއި، މުއައްސަސާތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ހިމެނޭހެން 400 އަށްވުރެ ގިނަ މަންދޫބުން މި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވިއެވެ.



