މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ފުލުހުންނަށް 1،000 އަށް ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކުށުގެ މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖުމްލަ 1،091 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މަސްތުވާތަކެއްޗާ ގުޅޭ 341 މައްސަލައެއް ހުށަހަޅާފައިވާ އިރު، ވައްކަމުގެ 257 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން މިދިޔަ މަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޓްރެފިކް އެކްސިޑެންޓްގެ 210 މައްސަލަ، އެއްޗެތި ގެއްލިގެން ރިޕޯޓުކުރި 88 މައްސަލަ، އަދި މުދަލަށް ގެއްލުން ދިނުމުގެ 65 މައްސަލަ ހިމެނެއެވެ. އަދި މާރާމާރީގެ 42 މައްސަލައަކާއި، ޖިންސީ ކުށުގެ 27 މައްސަލައަކާއި، ގެވެށި އަނިޔާގެ 24 މައްސަލައެއްގެ އިތުރުން ޚިޔާނަތުގެ 17 މައްސަލަ، ފޯޖް ކުރުމުގެ 11 މައްސަލަ އަދި ފޭރުމުގެ 9 މައްސަލަ ވެސް ވަނީ ހުށަހަޅާފައެވެ.
މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ބަލާއިރު ފުލުހުންނަށް ޖުމްލަ 8،566 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި މުއްދަތުގައި ނިސްބަތުން އެންމެ ގިނައީ ވައްކަމާއި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ވައްކަމުގެ 2،351 މައްސަލައެއް އަދި ޓްރެފިކް އެކްސިޑެންޓްތަކާ ގުޅުންހުރި 2،042 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ 1،844 މައްސަލައެއް ވެސް މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.



