ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން މިހާތަނަށް 205 ސިޔާސީ މުވައްޒަފުން މަޤާމުތަކުން ވަކިކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ވަކިކުރެވުނު މުވައްޒަފުންނަކީ ހަތަރު މަޤާމެއްގައި ތިއްބެވި ބޭފުޅުން ކަމަށެވެ.
އޭގެތެރޭގައި ހިމެނެނީ ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑިރެކްޓަރުން ކަމަށް މުންދު ފާހަގަކުރެއްވިއެވެ.
ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސިޔާސީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އިތުރު ސިޔާސީ މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.
”މިހާތަނަށް މި މަސައްކަތުގެ ތެރެއިން 205 މުވައްޒަފަކު ވަކިކޮށްފައިމިވަނީ. އޭގެތެރޭގައި ސްޓޭޓް މިނިސްޓަރ، ޑެޕިއުޓީ މިނިސްޓަރ، ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރ އަދި ޕޮލިޓިކަލް ޑައިރެކްޓަރގެ މަޤާމުގައި ތިއްބެވި މުވައްޒަފުންގެ ތެރެއިން 205 މުވައްޒަފުން ވަކިކުރެވިއްޖެ. އަދި ނުނިމޭ މަސައްކަތެއް. އެހެންވީމަ ކުރިއަށް އޮތްތަނުގައި މިއަދަދަށް ބަދަލު އަތުވެދާނެ،“ ތަރުޖަމާނު ވިދާޅުވިއެވެ.
މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) ރައިޓްސައިޒު ކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ހުރިހާ އެސްއޯއީތަކެއް ރައިޓްސައިޒުކޮށް ނިމޭއިރު، މި ސަރުކާރުން ވަޒީފާތަކަށް ނެގި މީހުންގެ އަދަދަށްވުރެ ބޮޑު އަދަދެއް އުނިވެގެންދާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.



