ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ ފްލެޓްތަކާއި އެހެން އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން، އެ އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދަށް ފައްތައި މަރާމާތުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރަން އެހީވާން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތްކުރަން ނިންމީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާގެ މަތިން، އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށް ވެސް ބުނެފައިވެއެވެ.
ބެލްކަނީތައް މަރާމާތުކުރަން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މި ހިނގާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12ގެ ކުރިން ހުށަހަޅަން އެޗްޑީސީން ވަނީ އެދިފައެވެ.
އެއްމެދު އިމާރާތްތަކުގެ ބެލްކަނި މަރާމާތުކުރަން އެޗްޑީސީން ނިންމާފައި މިވަނީ ހުޅުމާލެ2ގެ ދެ އިމާރާތަކުން ދެ ކުއްޖަކު ވެއްޓުނު ދެ ހާދިސާއެއް ކައިރިކައިރީގައި ހިނގާފައި ވަނިކޮށެވެ. އޭގެ ތެރެއިން އެއް ހާދިސާގައި އުމުުރުން ދެ އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.



