ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދާއިމީ ބިމެއް ހަމަޖައްސައިދީ، އެ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ގުދުރަތީގޮތުން ހިނގާ އެކި ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށާއި، އެފަދަ ކާރިސީ ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ހިންގާ މައި އިދާރާއަކީ އެންޑީއެމްއޭއެވެ.
2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު އުފެއްދި މި އޮތޯރިޓީ މިއަދާ ހަމައަށްވެސް ހިންގަމުން އައިސްފައިވަނީ އަމީނީ މަގުގައި ހުންނަ ރިހިޖެހި ކޮށީގެ ޢިމާރާތެއްގައެވެ. މިކަމުގެ ސަބަބުން ޖާގައިގެ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭކަން އެ އޮތޯރިޓީން အބަދުވެސް ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިރުޝާދުގެ ދަށުން އެންޑީއެމްއޭއަށް ހުޅުމާލެ ފޭސް 2 އިން ހަމަޖައްސައިދީފައިވަނީ 13,574 އަކަފޫޓުގެބިމެކެވެ. އެ އޮތޯރިޓީން ވިދާޅުވީ، މިއީ ކާރިސާތަކާއި ކުއްލި އެމަރޖެންސީ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށެވެ.
މި ބިމުގައި އެންޑީއެމްއޭގެ މައި އޮފީހުގެ އިތުރުން، ޒަމާނީ އެމަޖެންސީ އޮޕަރޭޝަން ސެންޓަރަކާއި، ކާރިސާތަކަށް ބޭނުންވާ ސާމާނު ރައްކާކުރާނެ އެމަރޖެންސީ ވެއާހައުސްއެއް އަދި ކުއްލި ހާލަތްތަކުގައި ހާލުގައި ޖެހޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ޚާއްސަ ފެސިލިޓީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ނަމުގައި 2004 ވަނަ އަހަރު އުފެއްދި މި އިދާރާ، ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ބަދަލުކޮށް ޤާނޫނީ ބާރުވެރިކަން ދެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މިހާރު ހަމަޖެހުނު ދާއިމީ ބިމާއެކު އޮތޯރިޓީގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކާރިސީ ޙާލަތްތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ދެވޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ.
މީގެ ކުރިން 2022 ވަނަ އަހަރުވެސް އެންޑީއެމްއޭއަށް ހުޅުމާލޭ ޓްރިޓޮޕް ހޮސްޕިޓަލް ކުރިމަތިން، ކޯވިޑް ވިލެޖް ހިންގި 39,000 އަކަފޫޓުގެ ބިން ދިނުމަށް ސަރުކާރުން ނިންމި ނަމަވެސް، އެ ބިން ރަސްމީކޮށް އެ އޮތޯރިޓީގެ ނަމަށް ބަދަލުކޮށްފައެއް ނުވެއެވެ.



