ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަޙައްދުގައި ރައްޔިތުންނަށް ރައްކާތެރިކަމާއެކު މޫދަށް އެރެވޭނެ އިންތިޒާމާއި، މަސްބާނަން ގޮސްލެވޭނެ ހާއްސަ ސަރަހައްދެއް ޤާއިމުކުރުމުގެ ގޮތުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރުކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރު ދަނީ ކުރަމުންނެވެ. އަދި މި އީ.އައި.އޭ ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ސަރވޭއެއް މިހާރު ވަނީ ފަށާފައެވެ.
މި ސަރވޭގެ މައިގަނޑު ބޭނުމަކީ އާންމުންނާއި މުނިފޫހިފިލުވުމަށް އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިހާރު އެ ގޮނޑުދޮށް ބޭނުންކުރަމުންދާ ގޮތާއި، އެ ސަރަހައްދުގެ މިހާރުގެ ހާލަތު ދެނެގަތުން ކަމަށާއި ހުށަހަޅާފައިވާ އާޓިފިޝަލް މޫދަށްއެރޭ ސަރަހައްދާއި މަސްބާނާ ޕްލެޓްފޯމާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަތުން ވެސް މި ސަރވޭގެ ތެރޭގައި ހިމެނޭނެ ކަމުގައި އެޗްޑީސީން ބުންޏެވެ.
މި ސަރވޭއިން ލިބޭ މައުލޫމާތަކީ އީ.އައި.އޭ ރިޕޯޓްގެ ހުށަހެޅުންތައް އެކުލަވާލުމަށާއި، މުޖުތަމައުގެ ބޭނުންތަކަށް ރިއާޔަތްކޮށް މަޝްރޫއު ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށް ލިބޭނެ ބޮޑު އެހީއެކެވެ.
ހުޅުމާލެ ފޭސް 2 ގެ ބީޗް ސަރަޙައްދު ތަރައްޤީކުރުމަށް ހުށަހަޅާފައިވާ ޕްލޭން އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. އެއީ:
° އާޓިފިޝަލް ސްވިމިންގ ސަރަޙައްދު: ފްލޯޓިންގ ޕޮންޓޫނަކާއެކު ހަދާ ރައްކާތެރި މޫދަށްއެރޭ ސަރަހައްދަކާއި، އެއްގަމުގައި އައުޓްޑޯރ ފެންވަރާ ތަނަކާއި، ފަސޭހައިން މޫދަށް ފޭބޭނެ ގޮތަށް ހަދާ ރޭމްޕެއް މި ބައިގައި ހިމެނެއެވެ.
° މަސްބާނާ ޕްލެޓްފޯމް: ކޮންކްރީޓް ޑެކަކާއި، އެ ތަނަށް ދިއުމަށް ޚާއްޞަކުރެވޭ ވޯކްވޭއަކާއި، އަރާމުކޮށްލަން އިށީނދެވޭނެ ހިޔާކޮށްފައިވާ ބެންޗުތަކުގެ އިތުރުން މަސްކަނޑަން ބޭނުންކުރެވޭނެ ޚާއްޞަ ސަރަޙައްދެއް
މި މަޝްރޫއު ފުރިހަމަވެގެން ދިޔުމަކީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ހިތްފަސޭހަކަމާއި ރައްކާތެރިކަމާއެކު މުނިފޫހިފިލުވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމެކެވެ.
ސާރވޭ ލިންކް:


