ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ހެއްދެވީ ’ބުހުތާނު ދޮގެއް‘ ކަމަށް ބުނެ ’ދައުރު‘ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
’ދައުރު‘ ނޫހުގައި އަހުމަދު ނާއިފް ލިޔެފައިވާ ”ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން“ މި ސުރުޚީގެ ދަށުން ޝާއިއުކުރި ހަބަރުގައި ތުހުމަތުކޮށްފައިވަނީ، ރިސޯޓްތަކުގެ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރީ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކާ މަޝްވަރާކޮށް ދިރާސާކުރުމަށްފަހު ކަމަށް ސްޕޯކްސްޕާސަން ވިދާޅުވި ވިދާޅުވުމަކީ ދޮގެއް ކަމަށާއި އެ ނިންމުމަކީ ސަޕްރައިޒެއް ކަމަށެވެ.
ރައީސް އޮފީހުން ފާހަގަކުރި ގޮތުގައި، ބޭރު ފައިސާއާބެހޭ ގާނޫނަށް 1 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވުމާ ގުޅިގެން ގެނެވުނު ބަދަލުތަކާއި މާލިއްޔަތާ ގުޅޭ އިސްލާހުތަކާ ގުޅޭގޮތުން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު އެއް ފަހަރަށްވުރެ ގިނަ ފަހަރު މަޝްވަރާކުރެވިފައިވެއެވެ. އަދި މަޓީގެ އެކި ވެރިންނާ ވަކިވަކިންވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން، ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު މަޓީއަށް ދައުވަތު ދީގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސަރުކާރުގެ އިސްވެރިންނާއި މަޓީގެ އިސްބޭފުޅުންނާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ކެބިނެޓްގެ އިސް ވަޒީރުންނާއި އެމްއެމްއޭގެ ގަވަރުނަރު ބައިވެރިވެވަޑައިގެންނެވި އިރު، މަޓީގެ ފަރާތުން އެ ޖަމިއްޔާގެ ވައިސް ޗެއާމަން، ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 6 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ވަނީ ބަޔާންކޮށްފައެވެ.
މީގެއިތުރުން، އޮގަސްޓް 24 ވަނަ ދުވަހު މަޓީން ނެރުނު ނޫސްބަޔާނުންވެސް މި މަޝްވަރާ ބައްދަލުވުމުގައި އެ ޖަމިއްޔާގެ އިސްބޭފުޅުން ބައިވެރިވިކަން ސާފުވާން އޮތްއިރު، މަޓީއާ މަޝްވަރާކޮށްފައި ނުވާކަމަށާއި އެއީ ކުއްލި ސަޕްރައިޒެއް ކަމަށް ބުނެ ސްޕޯކްސްޕާސަން މުންދު ދެއްކެވި ވާހަކަތަކަކީ ދޮގެއްގެ ގޮތުގައި ސިފަކުރުމަކީ ހަގީގަތާ މުޅިން ހިލާފު ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.



