އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރ. ދުވާފަރާއި ހދ. ކުޅުދުއްފުށީގައި ހުންނަ އެމްޑަބްލިއުއެސްސީގެ މަރުކަޒުތަކުގެ ދޮރުތައް ސްކޫލު ދަރިވަރުންނަށް ހުޅުވާލައި، އެ ކުންފުނީގެ މަސައްކަތްތަކާއި، ވަސީލަތްތަކާއި، އަދި ކުރިއަށްދާ މަޝްރޫޢުތަކާ ބެހޭ ގޮތުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދީފިއެވެ.
އެމްޑަބްލިއުއެސްސީއިން ބުނިގޮތުގައި، މި ޒިޔާރަތްތަކުގެ ސަބަބުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރަށްރަށުގައި އެމްޑަބްލިއުއެސްސީގެ ޓީމުތަކުން މަސައްކަތްކުރާ ގޮތް ދަރިވަރުންނަށް ލޮލުން ދެކިލުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ.

އަދި މުޖުތަމަޢުތައް ބިނާކުރުމާއި ދެމެހެއްޓުމުގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރު އިތުރަށް ދެނެގަތުމަށް ވެސް މި ހަރަކާތުގެ ސަބަބުން މަގުފަހިވެގެންދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ހާމަކުރި ގޮތުގައި، އަންނަން އޮތް ޖީލަށް މަރުޙަބާ ކިޔައި، އިންޖިނިއަރިންގގެ ދާއިރާއިން އުނގެނުމަށާއި، ކަންކަން ހޯދައި ދަސްކުރުމަށާއި، އަދި އެ ދާއިރާއިން ހިތްވަރާއި ޝައުޤުވެރިކަން ހޯދުމުގެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދެވުނު ކަމީ އެ ކުންފުނިން ނުހަނު ފަޚުރުވެރިވާ ކަމެކެވެ.



