ދިވެހިރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގައި ހާސިލުކުރާ މުހިންމު ކާމިޔާބީތަކާއި ފިކުރުތައް ގައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޖިނިއަރުންގެ އެވޯޑް ނައިޓް މިއަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިނިސްޓްރީ އޮފް އިމްފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އިއުލާނުކޮށްފައިވާ ”އިންޖިނިއާސް އެވޯޑް 2026“ ބޭއްވުމަށް ހަމަޖެހިފައިވަނީ ”ހޮނަރިންގ އެކްސެލެންސް، މޭކިންގ ހިސްޓްރީ“ ގެ ތީމަށެވެ.
މި އެވޯޑު ހަފްލާއަކީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމުމުގެ ގޮތުން ބާއްވާ ހަފްލާއެކެވެ. މި ހަފުލާގެ މައިގަނޑު ބޭނުމަކީ އެންޖިނިއަރިންގ ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވާ ފަންނީ މާހިރުންނާއި، ގައުމުގެ އުމްރާނީ ތަރައްގީއާއި އަސާސީ ޚިދުމަތްތައް ދެމެހެއްޓުމުގައި އެފަރާތްތަކުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ގައުމީ ފެންވަރުގައި ބަލައިގަތުމެވެ.
މި އަހަރުގެ އިންޖިނިއަރުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އެމްޓީސީސީ އަދި އެމްއޭސީއެލް ފަދަ ކުންފުނިތަކުން ވަނީ ދަރިވަރުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ދާއިރާގެ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.
ގެދޮރުވެރިކަމާއި، މަގުހެދުމާއި، ބްރިޖު، އެއާޕޯޓް، ބަނދަރު، ބިންހިއްކުން އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބޮޑެތި މަޝްރޫއުތައް ރާއްޖޭގައި ހިނގަމުންދާއިރު، ރާއްޖޭގެ ޖޯގްރަފީ އުފެދިފައިވާ ގޮތުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ޚާއްޞަ އިންޖިނިއަރިންގ ފަންނީ މާހިރުންގެ ބޭނުންތެރިކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ސަރުކާރުން މި އެވޯޑު އިއުލާނުކޮށްފައިވަނީ ދިވެހި އިންޖިނިއަރުންގެ ގާބިލުކަން އިތުރުކުރުމަށް ޚާއްޞަ އިސްކަމެއް ދެމުން އަންނަ ދަނޑިވަޅެއްގައެވެ.
އަމިއްލަފުޅަށް ވެސް ސިވިލް އިންޖިނިއަރިންގ ދާއިރާގެ ބޭފުޅެއް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ އިންޖިނިއަރިންގ ދާއިރާގެ އިސް ސަފުގައި ދިވެހިން ތިބުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ. އަދި ބޭރުގެ ފަރާތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސްކޮލަރޝިޕްތަކާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމުގެ އިތުރުން، ސިވިލް، މެކޭނިކަލް، އިލެކްޓްރިކަލް، އޭއައި އަދި ރޮބޮޓިކްސް ފަދަ ދާއިރާތައް ހިމެނޭހެން އެޑްވާންސްޑް އިންޖިނިއަރިންގ ރިސާޗް ލެބޯޓްރީއެއް ގާއިމުކުރުމުގެ ޕްލޭންވެސް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.
މި އެވޯޑުގެ ކެޓަގަރީތަކާއި، ނޮމިނީން އަދި އިނާމު ލިބޭ ފަރާތްތަކުގެ ތަފްސީލު އަދި އިއުލާނެއް ނުކުރެއެވެ.


