ހ.އ ދިއްދޫގައި ސަރުކާރުން މުޅިން އަލަށް ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްގެން ގާތްގަނޑަކަށް ހަތް މަސްދުވަހުގެ ތެރޭގައި ނިންމާފައިވާ މަޝްރޫއެކެވެ.
ރޭގަނޑުގައިވެސް ކުޅެވޭނެ ގޮތަށް ލައިޓް ހަރުކޮށް އެންމެ ޒަމާނީ ފެންވަރަށް ދިއްދޫގައި ޤާއިމްކުރެވުނު މި ވޮލީކޯޓަކީ ރަށުގެ ކުޅިވަރުގެ ކުރިމަގަށް ކޮށުނު މުހިންމު މަގެއްކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވަނީ ވިދާޅުވެފައެވެ. ދިއްދޫ ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރުމަށް ރާވާފައިވާ ސަރަހައްދުގައި އައު ކޯޓް އަޅާފައިވާއިރު، މިއީ ކުޅިވަރު ތަރައްޤީއިން ރަށަށް ލިބުނު މުހިންމު ކާމިޔާބީއެއްގެ ގޮތުގައި ކައުންސިލްގެ ރައީސް ސިފަކުރެއްވިއެވެ.

ކައުންސިލްގެ ރައީސް އުސްމާން ރަޝީދު ވިދާޅުވީ، މިއީ ރަށުގެ ވޮލީ އާއިލާގެ ދުވަސްވީ އުންމީދެއް ހަގީގަތަކަށްވުން ކަމަށާއި، އައު ކޯޓާއެކު ފެންވަރު ރަނގަޅު މޮޅެތި އެތުލީޓުންތަކެއް ރަށުގައި އުފެދިގެންދާނެ ކަމަށެވެ.
”އައު ކޯޓު މިހުންނަނީ ރަށުގެ ސްޕޯޓްސް އެރީނާގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ ސަރަހައްދުގައި. މިއީ އެންމެ ރަނގަޅު ލޮކޭޝަން މިފަދަ ކޯޓަކަށް. މިރަށަކީ ކުޅިވަރުގައި ކާމިޔާބު ދިގު ތާރީޚެއް އޮތް ރަށެއް. އެހެންވީމަ ރަށުގެ ވޮލީ އާއިލާއަށް ލިބުނު މިއީ ބޮޑު ހިތްހަމަޖެހުމެއް،“ އުސްމާން ވިދާޅުވިއެވެ.
ކުޅިވަރަށް ލޯބިކުރާ އާބާދީއެއް އޮންނަ ދިއްދޫގެ ޒުވާނުން ވޮލީ ކުޅުމަށް މީގެ ކުރިން ބޭނުންކުރަމުން ދިޔައީ ޒުވާނުންގެ މަރުކަޒުގައި އޮންނަ އިންޑޯ ވޮލީކޯޓެވެ. ނަމަވެސް، އަލަށް ޤާއިމްވެގެންދިޔަ މި އައުޓްޑޯ ކޯޓާއެކު، ޒުވާނުންނަށް ފުރިހަމަ ޒަމާނީ ވަސީލަތްތަކާއެކު ރޭގަނޑުވެސް މެޗުތައް ކުޅެލުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައެވެ.

އެމްޓީސީސީއިން މިހާރުވެސް އަންނަނީ ހއ. އަތޮޅުގެ 8 މަޝްރޫއެއްގެ މަސައްކަތް ކުރަމުންނެވެ. އަދި އަތޮޅުގެ އިތުރު 6 މަޝްރޫއެއްގެ މަސައްކަތްވެސް ސަރުކާރުން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެވެ.


