ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ އެޅުން މި މަހުގެ 13 ވާ އާދީއްތަ ދުވަހުގެ ހަވީރު ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި ބޮޑު މިސްކިތް އެޅުމަށް ޚާއްޞަކުރި ބިން، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ މިނިސްޓްރީއާ ހަވާލުކޮށްފައެވެ.
ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު ސޮއިކޮށްފައިވާ ފަހުމުނާމާގެ ދަށުން ފައިނޭންސްކުރާ މި ބިނާގެ މައި ހޯލުގައި އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ އޮންނާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި މިސްކިތަކީ ހަމައެކަނި ނަމާދުކުރާ ތަނެއްގެ އިތުރުން އިސްލާމީ ތަޢުލީމާއި ޘަޤާފަތް އަދި އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމަށް ބޭނުންވާ ތަފާތު ގިނަ ވަސީލަތްތަކާއެކު ތަރައްޤީކުރާ މިސްކިތެކެވެ.
މި ކޮމްޕްލެކްސްގައި އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކުގެ އިތުރުން ތަޢުލީމީ، ސަޤާފީ އަދި އިޖުތިމާޢީ ޙަރަކާތްތައް ހިންގާނެ ޚާއްޞަ ސެންޓަރެއް ގާއިމުކުރެވޭނެއެވެ. އަދި އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ބެހޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއް މި އިމާރާތުގައި ހިމެނެއެވެ.
މީގެއިތުރުން އިސްލާމީ އަދި ތާރީޚީ މައުރަޒުތަކަށް ޚާއްޞަ އެގްޒިބިޝަން ހޯލަކާއި، އެކި ބައްދަލުވުންތައް ބޭއްވޭނެ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްގެ އިތުރުން، ފަތުރުވެރިންނާއި އާންމުންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއްވެސް މިސްކިތުގައި ހުންނާނެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެކުރިން ވިދާޅުވެފައިވަނީ، މި މިސްކިތަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން ރަމްޒުކޮށްދޭނެ ތަނެއް ކަމަށެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކަށް އީމާންކަމާއި، ޢިލްމާއި، އެއްބައިވަންތަކަން ފޯރުކޮށްދޭނެ މުހިންމު ތަރިކައަކަށް ވެގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.




