ދައުލަތުގެ ބޭކާރު ޚަރަދުތައް ނައްތާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ އެޅުއްވި ފިޔަވަޅުތަކަކީ މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުއްވި މުހިންމު ފިޔަވަޅުތަކެއް ކަމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ އިއްޔެ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި، ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސްއޯއީ) އިސްލާހު ކުރެއްވުމަށް ރައީސް މުޢިއްޒު ވަނީ މުހިންމު ނިންމެވުންތަކެއް ނިންމަވާ އެކަން އިއްޔެ އިއުލާނު ކުރައްވާފައެވެ.
އެގޮތުން ފެނަކަ އުވާލައި އެ ކުންފުނީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އުވާލައި އެ ކުންފުނިން ހިންގާ މަގުހެދުމުގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ވެސް ރައީސް ވަނީ ނިންމަވާފައެވެ.
މި ނިންމެވުންތަކަކާ ގުޅިގެން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ، ރައީސް މުޢިއްޒު އިއުލާން ކުރެއްވި އެސްއޯއީ ކުންފުނިތައް އިޞްލާޙުކުރެއްވުމަށް ނިންމަވާފާވާ ނިންމެވުންތަކަކީ އިސްރާފު ކުޑަ، ވަރުގަދަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ޚިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ނިންމެވުންތަކެއް ކަމަށެވެ.
”މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ޚަރަދުތައް ނައްތާލުމާއި، ކޯޕަރޭޓް ގަވަރނަންސް ހަރުދަނާކުރުމުގެ އިތުރުން، ޤައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމުން، މިއީ އެސްއޯއީތަކަށް އެންމެ މުހިންމު ކަންކަމަށް ދެވޭނެ ނިންމުމެއް“ ފަހުމީ ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މިއީ ކާރިސާދާރުކަމާއި، ޒިންމާދާރުކަން އިތުރުކޮށް ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ނިންމުމެއް ކަމުގައި ވެސް އޭނާ ވިދާޅުވެފައިވެއެވެ.
މާނަހުރި އިޞްލާޙީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި، އެކަންކަން ތަންފީޒުކުރުމުގެ އަޒުމުގަ، މިއީ ސާފު މަޤްޞަދެއްގައި ގެެނެވޭ އިޞްލާޙީ ނިންމުމެއް ކަމުގައި ފަހުމީ ވިދާޅުވިއެވެ.



