ރާއްޖޭގެ ފިނިހޫނުމިން އާއްމު މިންވަރަށްވުރެ މައްޗަށް ދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ ހޫނު ގަދަވުމުގެ ސަބަބުން ”ހީޓް އެކްޒޯސްޝަން“ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުމާއި، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ ”ހީޓް ސްޓްރޯކް“ ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ބޮލަށް އެނބުރުން އެރުން ނުވަތަ ހޭނެތުން، ހަށިގަނޑުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މައްޗަށް ދިއުން، ހަންގަނޑު ރަތްވެ އާދަޔާ ޚިލާފަށް ހޫނުވުން، އަދި ވިންދު އަވަސްވެ ނޭވާލާން އުނދަގޫވުން ހިމެނެއެވެ.
މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް 100 އަށް ގުޅައި ސިއްހީ އެހީތެރިކަން ހޯދުމަށާއި، ހިޔާ ނުވަތަ އޭސީކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބާރު އަންނައުނު ދޫކޮށް، ތެތް ފޮތިކޮޅަކުން ފިނިފެން އުނގުޅުމަށްވެސް ވަނީ އެދިފައެވެ. ނަމަވެސް ހީޓް ސްޓްރޯކް ޖެހިފައިވާ މީހާއަށް އަނގަޔަށް އެއްވެސް އެއްޗެއް ނުދިނުމަށާއި، ފެން ދޭންވާނީ ހޭވެރިކަން ހުރިނަމަ އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެއިތުރުން ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނައިން ފެން ބުއިމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވަނީ، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ، ކުރިއަށް އޮތް ނޮވެންބަރުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށްވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި މުއްދަތުގައި މެދުރާއްޖެތެރެއަށް ވާރޭވެހޭ މިންވަރު އިތުރުވި ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާންމު މިންވަރަށްވުރެ މަދުން ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މޫސުމަށް އަންނަ މި ބަދަލުތަކާއެކު ހޫނުމިން މައްޗަށް ދާނެ ކަމަށް ބެލެވޭތީ، ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.



