ލ. ގަމުގައި ސަރުކާރުން ކުރިއަށްގެންދާ ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ 95.5 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ، ލ. ގަމުގައި 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢުގެ ބޮޑުބައި މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ހައުސިންގ ޔުނިޓްތަކުގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ.
ދަޢުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކޮށްފައިވަނީ 1،000 އަކަފޫޓުގެ 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި ކޮންމެ ކޮޓަރިއަކަށް ފާޚާނާއަކާއި، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މިހާރު ނިމުމަކާ ހަމައަށް ގޮސްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރާނީ ގަމުގެ ރައްޔިތުންނަށް ކަމަށާއި، ރަށުން ބޭރު މީހުންނަށް އެއިން ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
”މިހާރު އަޅަމުންދާ 100 ޔުނިޓާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުން، ސަރުކާރުގެ ސިޔާސަތު މިކަމުގައި. މި ރަށުގެ ރައްޔިތުންނަށް އެންމެ މުހިންމީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން. މި 100 ހައުސިންގ ޔުނިޓު މިހާރު ނިމުމަކާ ހަމައަށް އެދަނީ. ނިމުނީމަ، އެ 100 ޔުނިޓު އެކީގައި ކަނޑައެޅިގެންދާނީ މި ރަށުގެ ރައްޔިތުންނަށް. ރަށުން ބޭރުން މީހުން ބަދަލުކުރުމަކަށް، އެ 100 ޔުނިޓަކުންނެއް އަޅުގަނޑުމެން ކަނޑައެއްނާޅާނަން. ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ގެންދަނީ،“ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ގަމުގައި އިތުރު 100 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރެވިފައިވާ ކަމަށާއި، އަދި އެހެން ފަރާތަކާ ހަވާލުކޮށްގެން އިތުރު 100 ޔުނިޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
އެގޮތުން ޖުމްލަ 500 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ކަނޑައަޅާފައެވެ.



