މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި ތަރައްގީކުރުމަށްޓަކައި، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ.
އެމްއެމްއޭ އަށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 8،064 އަކަ މީޓަރުގެ ސަރަހައްދެއް ތަރައްގީކުރާނެއެވެ.
މި އިމާރާތުގައި އިދާރީ މަސައްކަތްތަކަށް ބޭނުންވާ ޖާގައިގެ އިތުރުން، ފައިސާ ގެންގުޅުމަށާއި ބެލެހެއްޓުމަށް ޚާއްސަ ވަސީލަތްތަކާއި، ތަމްރީނު އަދި ކޮންފަރެންސް ހޯލެއް ގާއިމުކުރެވޭނެއެވެ. އަދި މާލީ އިދާރާތަކަށް ޚާއްސަ އޮފީސް ޔުނިޓްތަކެއްވެސް މި އިމާރާތުގައި ހިމެނުމަށް ވަނީ ނިންމާފައެވެ.
އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ހުޅުމާލޭގައި އާ އިމާރާތެއް އެޅުމަށް ނިންމީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޭންކުތަކުން ފައިސާ ގެނައުމުގައި ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް އިންތިޒާމުކުރުމަށް އެކަށޭނަ ޖާގައެއް ހޯދުމަށެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ 85 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ ފައިނޭންސް ހަމަޖައްސަންޖެހެނީ ކޮންޓްރެކްޓަރެވެ. އަދި ބާކީވާ ފައިސާ ހަމަޖައްސައިދޭނީ އެމްއެމްއޭ އިންނެވެ.
އެމްއެމްއޭއިން ބުނިގޮތުގައި، މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުގެ 11:00 ގެ ކުރިން އެމްއެމްއޭއަށް ހުށަހަޅަންޖެހޭނެއެވެ.


