ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ (ޑަބްލިޔުއެޗްއޯ) ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރު ކަމުގެ މަޤާމުން ސައިމާ ވާޖިދު އިސްތިޢުފާ ދެއްވައިފިއެވެ. ވާޖިދަކީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ދަރިކަނބަލުންނެވެ.
އޭނާ އިސްތިޢުފާ ދެއްވީ އެ ޖަމިއްޔާއިންނާއި ބަންގްލަދޭޝްގެ ކަމާބެހޭ އިދާރާތަކުން ހިންގަމުންދާ މަކަރާއި ޙީލަތުގެ ތަޙުޤީޤުތަކަކާ ގުޅިގެން ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ. މިއީ، 2024 ވަނަ އަހަރުގެ މެދުތެރޭގައި ބަންގްލަދޭޝްގައި ހިނގި ހަމަނުޖެހުންތަކަށްފަހު ޙަސީނާގެ ވެރިކަން ވެއްޓުމުގެ ނޭދެވޭ އަސަރު، އޭނާގެ ސިޔާސީ އެކުވެރިންގެ އިތުރުން ޢާއިލާއާ ހަމައަށް ވެސް ފޯރާފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމުގައި ރިޕޯޓުތަކުން ބުނެފައިވެއެވެ.
ޑަބްލިޔުއެޗްއޯއިން ވާޖިދުގެ މައްޗަށް ތުހުމަތުކުރަނީ ޗައިނާއަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ފައިސާއަށް ޚިޔާނާތްތެރިވުމާއި، ތަޢުލީމީ ފެންވަރު އޮޅުވައިލެއްވުމުގެ އިތުރުން ޤާނޫނާ ޚިލާފަށް ބަންގްލަދޭޝުން ބިމެއް ހޯއްދެވި މައްސަލަތަކުގައެވެ. އޭނާގެ ވަކީލުން ވިދާޅުވީ، ޗައިނާ ދަތުރުގެ މައްސަލައަކީ އޭނާ އެހީތެރިއަކަށް ހެދުނު އިދާރީ ގޯހެއް ކަމަށާއި އޭގައި ހިމެނެނީ އެންމެ 901 އެމެރިކާ ޑޮލަރު ކަމުގައެވެ. އަދި، ބަންގްލަދޭޝުން ބިމެއް ހޯއްދެވީ އެ ޖަމުޢިއްޔާއާ ގުޅުމުގެ ކުރިން ކަމަށާއި، އޯޓިޒަމްގެ މަސައްކަތަށް ލިބިވަޑައިގެންނެވި ޝަރަފުވެރި ޑޮކްޓަރޭޓްގެ މަޢުލޫމާތު ވެސް ޑަބްލިޔުއެޗްއޯގެ އެންމެ މަތީ ވެރިންނަށް ސާފުކޮށްދެއްވާފައިވާނެ ކަމުގައެވެ. ވާޖިދު ވަނީ އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތަކަށް އިންކާރު ކުރައްވާފައެވެ.



