ޤައުމީ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ޙަފުލާގައި މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ޝަރަފުވެރި ދެ އެވޯޑެއް ހާސިލްކޮށް، އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑު ހޯދައި، މިއަހަރު އެންމެ ގިނަ އެވޯޑު ހާސިލްކުރި ކުންފުނީގެ ޝަރަފު ހޯދައިފިއެވެ.
މި ހަފްލާގައި އެމްޑަބްލިޔުއެސްސީ އަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ’ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް‘ އާއި ’ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް‘ ހިމެނެއެވެ.
ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް އެ ކުންފުންޏަށް ލިބުނީ ހދ. ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ، 100 ޕަސެންޓް އަވިން ހަކަތަ އުފައްދައިގެން ހިންގާ، ތިމާވެއްޓަށް ގެއްލުންދޭ ވިހަ ގޭސްތައް ބޭރުނުކުރާ (ޒީރޯ އެމިޝަން) ފެން އުފައްދާ ނިޒާމުގެ ސަބަބުންނެވެ.

އަދި ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް ލިބިފައިވަނީ ރ. ދުވާފަރުގައި ޤާއިމްކޮށްފައިވާ އިންޓެގްރޭޓަޑް ޔުޓިލިޓީ ސަރވިސް މޮޑެލްއަށެވެ. މި މޮޑެލްއަކީ ބޯފެން އުފައްދައި ފޯރުކޮށްދިނުމާއި، ނަރުދަމާގެ ނިޒާމާއި، ކުނި މެނޭޖުކުރުމާއި، ކަރަންޓުގެ ޙިދުމަތާއި، ވާރޭފެން ރައްކާކުރުން އަދި އިއާދަކުރަނިވި ހަކަތައިގެ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ފުރިހަމަ ނިޒާމެކެވެ.
މީގެ އިތުރުން، އިންޑިވިޖުއަލް ކެޓަގަރީން، އެމްޑަބްލިޔުއެސްސީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ، ޑރ. ފުރުޤާން އިބްރާހީމަށް ވަނީ “އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑު” އަދި “އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑު” ލިބިވަޑައިގެންފައެވެ. ޑރ. ފުރުޤާން ހޯއްދެވި މި ފަޚުރުވެރި ކާމިޔާބީއަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއި އެންމެހައި މުވައްޒަފުންގެ ނަމުގައި ވަނީ ތަހުނިޔާ އަރިސްކޮށްފައެވެ.

އެމްޑަބްލިޔުއެސްސީން ބުނިގޮތުގައި، މި ކާމިޔާބީތަކުން ދައްކުވައިދެނީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އިންޖިނިއަރިންގ ޙައްލުތައް ހޯދުމަށާއި، އައު އީޖާދުތަކާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޖުތަމަޢުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެހީތެރިވުމަށް އެމްޑަބްލިޔުއެސްސީއިން ދޭ އަހައްމިއްޔަތުކަމެވެ. އަދި މިއީ ފެނާއި ނަރުދަމާގެ ދާއިރާ ހަރުދަނާކުރުމަށް ކުންފުނީގެ އިންޖިނިއަރުންނާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތާއި ފަންނީ ޤާބިލުކަން ހާމަކޮށްދޭ ހެއްކެއް ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
އެމްޑަބްލިޔުއެސްސީގެ މައިގަނޑު އަމާޒަކީ އިންޖިނިއަރިންގގެ ދާއިރާއިން މަތީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިރާސާތަކާއި އީޖާދީ މަސައްކަތްތަކަށް އިންވެސްޓްކޮށް، މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމެވެ.

އަދި މިފަދަ ޤައުމީ ކާމިޔާބީތަކުގެ އަޞްލަކީ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި އެ ފަރާތްތަކުން ދޭ އަގުހުރި އެއްބާރުލުން ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.


