މުޖުތަމަޢެއްގައި އިސްލާމްދީން ދެމިއޮންނާނީ މާތް ﷲ ގެ އެއްކައުވަންތަކަމުގެ މައްޗަށް ތަރުބިޔަތުދީގެންނާއި ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރުމުގެ އިޖުތިމާޢީ ރުކުން ދަމަހައްޓައިގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”އިސްލާމްދީނުގައި ސާބިތުވުން“ މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ފާހަގަކުރި ގޮތުގައި، އިސްލާމްދީނުގެ ހިދާޔަތުގެ ނިޢުމަތަކީ އިންސާނުންނަށް މާތް ﷲ ދަރުމަކުރެއްވި އެންމެ މަތިވެރި ނިޢުމަތެވެ.
އަދި ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ ނުވަސަތޭކަ އަހަރު ވެފައިވާއިރު، މި ނުވަ ޤަރުނުގެ ތެރޭގައި އެއްބައިވަންތަކަމާއި މިނިވަންކަމާ އެކު ރާއްޖެ ދެމިއޮތީ އިސްލާމްދީނުގެ ސަބަބުން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ދިވެހީންނަށް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ އިސްލާމްދީނުގެ އަސާސްތަކުގައި ހިފަހައްޓައިގެން ކަމަށް ހުތުބާގައި ބުންޏެވެ.
އިސްލާމްދީނުގެ މަތިވެރި އަސާސްތައް ރާއްޖޭގައި ދާއިމަށް ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުންނާއި، ސިޔާސީ ފެންވަރުގައްޔާއި، ތަޢުލީމީ ނިޒާމުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ހުތުބާގައި ފާހަގަކުރިއެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގެ އަޞްލުތަކާ ޚިލާފުނުވާނޭހެން ޤާނޫނުތައް ހެދުމާއި، ޝަރީޢަތުގެ ޙުކުމްތަކާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމާއި، ތަޢުލީމީ މަންހަޖު އިސްލާމީ ޢަޤީދާ ޙިމާޔަތްކުރެވޭނޭ ގޮތަށް ފަރުމާކުރުން މުހިންމު ކަމަށް ބުންޏެވެ.
އަދި އިސްލާމީ ޔުނިވާސިޓީތަކާއި ކޮލެޖުތައް ޤާއިމުކުރުމާއި ޙާފިޒުންނާއި އިމާމުން ބިނާކުރުމުގެ މަޝްރޫޢުތައް އިތުރުކުރަންޖެހޭ ކަމަށް ވެސް ހުތުބާގައި ބަޔާންކުރިއެވެ.
މީގެއިތުރުން، ދީނަށް ގޮވައިލުމުގައި ލުއިފަސޭހަ ގޮތްތަކުގައި ހިފުމަށާއި، ހަރުކަށި ފިކުރުތަކުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެއްވެސް ޙުއްޖަތެއް ނެތި މީސްތަކުން ކާފަރުކުރުމާއި، ޓެރަރިޒަމަށް ވާގިވެރިވުމާއި، މުޖުތަމަޢު ބައިބައިކޮށް ނަފުރަތު އުފެދޭ ގޮތަށް ޢަމަލުނުކުރުމަށް ވެސް ގޮވާލިއެވެ. އަދި މުސްލިމުންގެ ސަފުތައް ބަދަހިކަން ރަމްޒުކޮށްދޭ އެންމެ ވަރުގަދަ އަސާސަކީ ޖަމާޢަތުގައި ނަމާދުކުރުން ކަމަށްވެސް ހުތުބާގައި ފާހަގަކުރިއެވެ.
ހުތުބާ ނިންމާލަމުން، ކޮންމެ ޢާއިލާއަކުން ވެސް އެ ޢާއިލާއެއްގެ ދަރީން އިސްލާމީ ތަރުބިޔަތުގެ މަތީގައި ބޮޑުކުރުމަށް އިލްތިމާސްކުރިއެވެ.
މުސްތަޤުބަލުގައި އިސްލާމްދީން ދިފާޢުކުރުމުގެ މަސްއޫލިއްޔަތު އުފުލާނީ މިއަދުގެ ދަރީން ކަމަށްވާތީ، ޞައްޙަ ޢަޤީދާއާއި އިސްލާމީ އަޚުލާޤު އެކުދިންނަށް އުނގަންނައިދިނުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެއް ކަމުގައި ހުތުބާގައި ހަނދާންކޮށްދިނެވެ.


