ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާއާ ގުޅިގެން ސިނަމާލެ ބުރިޖަށް އެއްވެސް ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައި ނުވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މި ހާދިސާއަކީ މާލޭ އިރުމަތީ ފަރާތުން ދެ އުޅަނދެއް އޮޔާގޮސް ބުރިޖުގައި ޖެހިގެން ހިނގި ހާދިސާއެކެވެ.
މިނިސްޓަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން ބުރިޖަށް އެއްވެސް ގެއްލުމެއް ވެފައިވޭތޯ ބެލުމަށްޓަކައި، އެ މަޝްރޫޢު ކުރިއަށްގެންދިޔަ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުނިން ރެއާއި މިއަދު ހެނދުނު ދެ އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އެ އިންސްޕެކްޝަންތަކުން ބެލިބެލުމުން ބުރިޖުގެ ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ވެފައި ނުވާކަން ވަނީ ޔަޤީންކުރެވިފައެވެ.
ނަމަވެސް، ބުރިޖުގެ ތަނބުތަކުގެ ބޭރުފުށުގައި ކުދި ގެއްލުންތައް ނުވަތަ ”ސަރފެސް ސްކްރެޗް“ ހުރިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރ ސީއެޗްއީސީ ކުންފުނިން ކުރިއަށްގެންދާނެ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ ޗައިނާގެ ގްރާންޓް އެހީގެ ދަށުން، ކަނޑައެޅިފައިވާ އިންޖިނިއަރިންގ މިންގަނޑުތަކާ އެއްގޮތަށް ރަނގަޅަށް މޮނިޓަރކޮށް އިންސްޕެކްޓް ކުރެވިގެންނެވެ.
މާލެ ސަރަޙައްދުގައި ދެ ބުރިޖުގެ ޚިދުމަތް ތަރައްޤީކުރެވިފައިވާއިރު، މިފަދަ ހާދިސާތަކުގައި މުހިންމު އަދި ނާޒުކު ބިނާރުތަކަށް ގެއްލުންވުމުގެ ފުރުޞަތު އޮތުމަކީ ރައްޔިތުންގެ އާއްމު ދިރިއުޅުމަށާއި މުޅި ސަރަޙައްދަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ކުރިއާލާ ފިޔަވަޅު އަޅަންޖެހޭ ކަމެއް ކަމަށް ދެކި، މިހާރުވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، މިފަދަ ހާދިސާތަކުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އޮޔާދާ އުޅަނދުތައް ކަފުޖެހޭނެ ކެޕޭސިޓީ ހުރި 2 ޓަގު ބޯޓު ހޯދުމުގެ މަސައްކަތް އެމްޕީއެލްއާ ހަވާލުކޮށްގެން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި އެ އުޅަނދުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މީގެއިތުރުން، އުޅަނދުތައް އަޅާފައި ބެހެއްޓުމުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރުމާއި، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށްޓަކައި ކޯސްޓްގާޑާއި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެމަޖެންސީ ކޮމިއުނިކޭޝަން ނިޒާމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



