ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު ހެނދުނުން ފެށިގެން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިގެން ރިޕޯޓް ކުރުމާއި ގުޅިގެން އެ އޮތޯރިޓީން ހާލަތު ވަރަށް ގާތުން މޮނީޓާކުރަމުންދާ ކަމަށެވެ.
އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއި ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.

އަދި މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭހެން، ޖުމްލަ އަށް މީހުން ދިރިއުޅޭ ގެއެއްގައި ފެންބޮޑުވެ ދިރިނޫޅެވޭ ހާލަތަށް ދިއުމާ ގުޅިގެން، ކައުންސިލާ ގުޅިގެން އެ އާއިލާއަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ހާމަކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.




