ޤަތަރު އެއާވޭސްއިން ދިވެހިރާއްޖެއަށް ކުރަމުން އަންނަ ދަތުރުތަކުގެ އަދަދު އަންނަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އިތުރުކުރުމަށް އެ އެއާލައިނުން ނިންމައިފިއެވެ.
މި ބަދަލާއެކު މިހާރު ހަފުތާއަކު ބާއްވަމުން އަންނަ 12 ދަތުރު، 21 ދަތުރަށް އިތުރުވެގެންދާނެއެވެ.
އެ އެއާލައިނުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، މިއީ އެ އެއާލައިންގެ ދުނިޔޭގެ ވިއުގަ ފުޅާކޮށް ގުޅުންތައް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. އެގޮތުން މިއަހަރުގެ ފިނި މޫސުމުގެ ޝެޑިއުލްގައި ރާއްޖެ ހިމެނޭހެން 170 ޤައުމަކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ ހިމެނޭ ގޮތަށް ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ ފްރީކުއެންސީ ވަނީ އިތުރުކޮށްފައެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ އެއް އެއާލައިނަކީ ޤަތަރު އެއާވޭސް ކަމަށްވާއިރު، ދަތުރުތައް އިތުރުކުރުމުން މެދުއިރުމައްޗާއި ޔޫރަޕުގެ އިތުރުން އެމެރިކާ ފަދަ މުހިންމު މާކެޓުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.



