އެންމެ ޒުވާން އިންޖިނިއަރުކަމުގެ އެވޯޑު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުޙައްމަދު ޒިދާން ހަސަން ހާސިލު ކޮށްފިއެވެ.
ައެމްއޭސީއެލްގެ ޖެނެރަލް އެޗްވީއޭސީ ޓީމް މެންބަރު ޒިދާންއަށް މި އެވޯޑު މިދިޔަ ބުރާސްފަތި ދުވަހުގެ ބާސެލޯ ނަސަންދުރައިގައި ބޭއްވި ”އިންޖިނިއަރސް އެވޯޑް 2026“ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
”އިންޖިނިއަރސް އެވޯޑް 2026“ އަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި އިމާރާތްކުރުމުގެ ސިނާއަތަކީ މުހިންމު އެއް ސިނާއަތް ކަމަށްވާތީއާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތެރީންނަށް ޤައުމީ ފެންވަރުގައި ޝަރަފާއި ޤަދަރު ދިނުމަށް އެޅުނު ތާރީޚީ ފިޔަވަޅެކެވެ.
މި އަހަރުގެ އިންޖިނިއަރުންގެ އެވޯޑު 10 ގިންތިއަކުން ދިނުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލެއްވިއިރު، ރޭގެ ހަފުލާގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް، އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާޗް އެވޯޑް، ޔަންގް އިންޖިނިއަރ އެވޯޑް، ސްޓޫޑެންޓް އިނޮވޭޓަރ އެވޯޑް، ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް އަދި ވިމެން އިން އިންޖިނިއަރިންގ އެވޯޑް އަރުވާފައިވެއެވެ. މީގެ އިތުރުން، މިރޭ އެރުވި އެވޯޑްތަކުގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި އިންޖިނިއަރ އޮފް ދަ އިޔަރ އެވޯޑްވެސް ހިމެނެއެވެ. މި އެވޯޑްތައް އޭގެ ޙައްޤުވެރީންނަށް އެރުވީ ރައީސުލްޖުމްހޫރިއްޔާއެވެ.
އެ ރަސްމިއްޔާތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް އެރުވިއިރު، މީގެ ތެރެއިން 2 ބޭފުޅަކަށް އެވޯޑް އަރުވާފައިވަނީ އެ ބޭފުޅުންގެ ހަނދާނަށެވެ. ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވަނީ ޢަބްދުއްޝަކޫރު ޞާލިޙް، އަލްމަރުޙޫމް އަޙްމަދު މަހުރީން އަދި އަލްމަރުޙޫމް މުޙައްމަދު ރަޝީދަށެވެ.


