ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް އިމާރާތްކުރުމަށް ބޭނުންވާ ބިން، ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުންޏާ ހަވާލުކޮށްފިއެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ޢަލީ ސަޢީދުއެވެ. އަދި އައްރާޖިޙީ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ބަންދަރު ޢަބްދުﷲ އައްރާޖިޙީއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައި ބިނާކުރާ މި މިސްކިތަށް ދީފައިވާ ނަމަކީ ”ސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގްރޭންޑް މޮސްކް އެންޑް އިސްލާމިކް ސިވިލައިޒޭޝަން ސެންޓަރ“ އެވެ. މި މަޝްރޫޢުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ އުފާވެރި ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.
އިސްލާމިން މިނިސްޓްރީން ބުނީ، މިއީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދި ތާރީޚާއި ފަރުމާވެރިކަން ރަމްޒުކޮށްދޭނެ، އަދި އީމާންކަމާއި ޢިލްމާއި ވަހުދަތު އަންނަން އޮތް ޖީލުތަކަށް ވާސިލުކޮށްދޭނެ އަގުހުރި ތަރިކައެއް ކަމަށެވެ.
އައްރާޖިޙީ ކުންފުނިން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ މި ބިނާގައި އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދުކުރެވޭނެ ތަނަވަސް މައި ހޯލެއް ހިމެނެއެވެ. މީގެ އިތުރުން، އިސްލާމީ ތަޢުލީމާއި ޘަޤާފަތް އާލާކޮށް އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށްޓަކައި އިމާމުންނާއި އިދާރީ މުވައްޒަފުންގެ އޮފީސްތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއް އަދި ކީރިތި ޤުރުއާނާ ގުޅޭ މައުލޫމާތު ހިމެނޭ ޤުރުއާން މިއުޒިއަމެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ބައްދަލުވުންތަކަށް ޚާއްޞަ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްވެސް ހިމެނޭނެއެވެ. މިސްކިތަށް ޒިޔާރަތްކުރާ އާންމުންނަށާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއްގެ އިތުރުން، އިސްލާމީ ފޮތް ފިހާރައަކާއި ގިފްޓް ޝޮޕެއް ވެސް މި މަރުކަޒުގައި ތަރައްޤީކުރެވިގެންދާނެއެވެ.

މިއީ ހުޅުމާލޭގެ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އިސްލާމީ ތަރުބިއްޔަތާއި ސަޤާފަތް ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބިނާއެކެވެ.



