ދިވެހި ޤައުމިއްޔަތު އޭގެ ޙައްޤު މަޤާމަށް އިއާދަކުރުމުގެ ބުރަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުންދާ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމްދީނުގެ ނޫރާނީ އަލިން ދިވެހިރާއްޖެ އަލިވެގެން ދިޔަތާ 900 އަހަރު ފުރޭ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި، ދަރުމަވަންތަ ރަސްގެފާނު އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުއްވި ދުވަހަކީ މި ކުޑަކުޑަ އެހެނަސް ޒަމާންވީ ދިވެހިރާއްޖޭގެ މުޅި ޙަޔާތުގައި ވެސް ހިނގި އެންމެ ބޮޑު ހާދިސާކަން ފާހަގަކުރެއްވިއެވެ. އަދި ހިޖުރައިން 548 ވަނަ އަހަރު ދިވެހިން އިސްލާމްދީން ޤަބޫލުކުރުމާ ގުޅިގެން މުޖުތަމަޢަށް އައި ބޮޑެތި ބަދަލުތަކުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.
”އިސްލާމީ ދިވެހި ސަގާފަތެއް މިރާއްޖޭގައި ވަނީ އުފަންވެ އަށަގެންފައި. އަޅުގަނޑުމެންގެ ވިސްނުމަށާއި އަޅުގަނޑުމެންގެ ބަހަށް ވަނީ މީގެ ހެޔޮ އަސަރުތައް ކޮށްފައި. މިކަންކަމުން ޚުލާސާ ކުރެވޭ މާނައަކީ، ދިވެހި ޤައުމިއްޔަތުގެ ބިންގަލަކީ އިސްލާމްދީންކަން. ދިވެހި ޤައުމިއްޔަތުގެ އިސްބަހާއަކީ އިސްލާމް ދީންކަން،“ މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކުރެވުނު އާކިއޮލޮޖިކަލް ދިރާސާތަކާއި ތާރީޚީ ހޯދުންތަކުގެ އަލީގައި ރާއްޖެއަކީ އެތައް ހާސް އަހަރުވީ ދައުލަތެއްކަން އެނގޭ ކަމަށާއި، ކާބަފައިންގެ އާދަކާދަތަކާއި ދިރިއުޅުމުގެ އަސާސްތައް ދެނެގަނެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދިވެހި ޝަޚުޞިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މަޢުލޫމާތުތަކެއްކަން ފާހަގަކުރައްވައި، މިފަދަ ދިރާސާތައް ކުރާނެ ޤާބިލު ދިވެހިން ބިނާކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރެއްވިއެވެ.
”މި މަސައްކަތް ކުރެވޭނޭ މަގު ދައްކަވައިދެއްވައި، ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ސިޔާސަތެއް ކަނޑައަޅުއްވައި، އެ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ޚާއްސަ މަޝްރޫޢުތަކެއް މި ސަރުކާރުން ހިންގަވަމުން ގެންދަވަނީ މި ސަބަބުތަކަށްޓަކައި. ޤައުމު ފަޚުރުވެރިވާ މިފަދަ ސިފަތައް ރަމްޒުކޮށްދޭ ޤައުމިއްޔަތެއް ދިވެހި ކޮންމެ ހިތެއްގައި އަށަގެންނެވުމުގެ ޤައުމީ ބޭނުމުގައި،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ މުހިންމު ސަބަބަކީ އިސްލާމްދީން ކަމަށާއި، ޤައުމުގެ އަބްޠާލުން ޖިހާދުކުރައްވައި ޤުރުބާންވެވަޑައިގަތީ އިސްލާމްދީނުގެ ހައްޤުގައި ކަމަށެވެ.
އަދި ހުޅުވިފައިވާ ދުނިޔޭގައި ހުރި ނުރައްކާތަކުން ރައްކާތެރިވެ، މި ފަސްގަނޑުގައްޔާއި ހިތްތަކުގެ އެންމެ ފުނުގައި އިސްލާމްދީން ދެމެހެއްޓުމަށް އަޒުމު ކަނޑައެޅުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.


