ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި، މަހަކު 16 މިލިއަން ޑޮލަރުގެ ލިމިޓެއް ބީއެމްއެލްއިން ކަނޑައަޅައިފިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އަދި ދޭތެރެ ދޭތެރެއިން މުރާޖައާ ކުރެވޭ ގޮތަށް ކަނޑައެޅިފައިވާ މި ލިމިޓްތަކަށް އަމަލުކުރަން ފަށާނީ 13 ސެޕްޓެންބަރު 2026 އިން ފެށިގެންނެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 40,000 އަށްވުރެ ގިނަ އީ-ކޮމާސް ޕްލެޓްފޯމްތަކުން ކަސްޓަމަރުން މުދަލާއި ހިދުމަތް ހޯދަމުންދާއިރު، އެވްރެޖްކޮށް ދުވާލަކު 20,000 އަށްވުރެ ގިނަ މުއާމަލާތް މިހާރު ކުރެވެއެވެ. އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ބޭންކަށް ލިބެން ހުރި ޑޮލަރަށްވުރެ އިތުރުވުމުގެ ސަބަބުން، ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ޓެލެގްރަފިކް ޓްރާންސްފަރ (ޓީޓީ) ފަދަ ޒަރޫރީ ހިދުމަތްތައް ދިނުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ކަނޑައެޅިފައިވާ 16 މިލިއަން ޑޮލަރުގެ ތެރެއިން ވަކިވަކި ދާއިރާތަކުގެ ވިޔަފާރިތަކަށް ދުވާލަކު ބޭނުންކުރެވޭނެ ވަކި ލިމިޓްތަކެއް ވަނީ ކަނޑައަޅާފައެވެ. ދުވާލަކު ބޭނުންކުރެވޭނެ ލިމިޓް ކޮންމެ ދުވަހަކުވެސް ހެނދުނު 7:00 ގައި ރީސެޓްވާނެއެވެ. އަދި ދުވަހުގެ ލިމިޓް ހަމަވެއްޖެނަމަ، ޖެހިގެން އަންނަ ދުވަހު ނުވަތަ ޑޮލަރު ކާޑަކުން މުއާމަލާތް ކުރެވޭނެއެވެ.
1. އެންމެ ގިނައިން ވިޔަފާރިކުރާ އީ-ކޮމާސް ޕްލެޓްފޯމްތައް
ބީ.އެމް.އެލްގެ ކާޑުތައް ބޭނުންކޮށްގެން އެންމެ ގިނައިން ވިޔަފާރިކުރާ ބޭރުގެ 150 އީ-ކޮމާސް ޕްލެޓްފޯމްގެ ލިސްޓެއް ބޭންކުން އާންމުކުރާނެއެވެ. މި ލިސްޓުގައި ތައުލީމީ، ސިއްހީ، ދަތުރުފަތުރާއި ހޮޓެލް ބުކިން، އަދި އެހެނިހެން ޒަރޫރީ ޚިދުމަތްތައް ނުހިމެނޭނެއެވެ. މި ކެޓެގަރީގައި ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ ބައިނަލްއަގުވާމީ ބޮޑެތި ރީޓެއިލް އަދި ޓެކްނޮލޮޖީ ޕްލެޓްފޯމްތައް ހިމެނެއެވެ. މިފަދަ ވިޔަފާރިތަކަށް މަހަކު ޖުމްލަ 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
2. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް
ކަސްޓަމަރުން މިހާރު ބޭނުންކުރާ މިންވަރަށް ބަލައި، މެޓަ (ފޭސްބުކް އަދި އިންސްޓަގްރާމް) އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވަކި މިންވަރެއް ވަނީ ކަނޑައަޅާފައެވެ. މި ކެޓެގަރީއަށް މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކަށް 50,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
3. ދަތުރުފަތުރާއި ހޮޓެލް ބުކިން
އޮންލައިންކޮށް އެއާލައިން ޓިކެޓް ގަތުމާއި ހޮޓެލް ބުކިން ހެދުން ފަދަ ދަތުރުފަތުރާ ގުޅުންހުރި މުއާމަލާތްތަކަށް މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކަށް 200,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. އެހެން މީހުންނަށް ދަތުރުފަތުރުގެ ޓިކެޓާއި ހުރުމުގެ ހަރަދުތައް ހަމަޖައްސައިދިނުމަށް ކަސްޓަމަރުން ކުރާ މުއާމަލާތްތައް އިތުރުވުމުގެ ސަބަބުން، ބޭރު ފައިސާ ބޭރަށްދާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން މި ކެޓެގަރީގެ ވިޔަފާރިތަކަށް ކޮންމެ ކަސްޓަމަރަކަށް ތިން މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކުރެވޭނީ ގިނަވެގެން ތިން މުއާމަލާތެވެ. މި ފިޔަވަޅަކީ ކަސްޓަމަރުންގެ އަމިއްލަ ދަތުރުފަތުރުގެ ބޭނުންތަކަށް ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެޅި ފިޔަވަޅެކެވެ.
4. ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި އެހެނިހެން މުހިންމު ޚިދުމަތްތައް
ޒަރޫރީ ސަބްސްކްރިޕްޝަންތަކާއި ކަސްޓަމަރުންގެ އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުހިންމު ދާއިރާތަކަށް މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކަށް 100,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ. ބޭންކުން މި ދާއިރާގެ މުއާމަލާތްތައް ބަލަމުންދާނެއެވެ. އަދި ބޭނުންވާ ހާލަތްތަކުގައި ބަދަލުތައް ގެންނާނެއެވެ.
5. އެހެނިހެން ހުރިހާ ވިޔަފާރިތަކެއް
މަތީގައި ބަޔާންކުރެވިފައި ނުވާ ބޭރުގެ އެހެނިހެން އީ-ކޮމާސް ވިޔަފާރިތަކަށް މަހަކު ޖުމްލަ 1.8 މިލިއަން ޑޮލަރު (ދުވާލަކަށް 60,000 ޑޮލަރު) ކަނޑައެޅިފައިވެއެވެ.
ބީއެމްއެލްއިން ބުނިގިތުގައި، މިގޮތަށް ލިމިޓް ކަނޑައެޅުމުގެ ބޭނުމަކީ ޒަރޫރީ ނޫން ކަންކަމަށް ކުރާ ބޭރު ފައިސާގެ ހަރަދުތައް ކޮންޓްރޯލްކޮށް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށް ދިނުމަށް އިސްކަން ދިނުމެވެ. ބީއެމްއެލް އިން މުއާމަލާތްތައް ކުރާ މިންވަރާއި، ކަސްޓަމަރުން މުއާމަލާތްކުރާ ގޮތްތަކާއި، އަދި ބޭންކުގައި ބޭރު ފައިސާ ހުރި މިންވަރަށް ބަލައި، ދާއިރާތަކަށް ކަނޑައެޅިފައިވާ އަދަދުތަކަށް އެވަގުތަށް އެންމެ އެކަށީގެންވާ ބަދަލުތައް ގެންނާނެއެވެ.
ސިއްހީ އަދި ތައުލީމީ ކަންކަމާ ގުޅޭ މުއާމަލާތްތަކަށް ވަކި މާޗަންޓް ލެވެލްއެއް ނުވަތަ ކެޓެގަރީ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. މިފަދަ މުއާމަލާތްތައް ހަމަޖެހިގެންދާނީ ޖުމްލަ 16 މިލިއަން ޑޮލަރުގެ ތެރެއިންނެވެ.
އަދި މި ޒަރޫރީ ހިދުމަތްތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ވަކިން ހާއްސަ ބަފާއެއް ބޭންކުން ދަމަހައްޓާނެކަމަށް ބީއެމްއެލްއިން ބުންޏެވެ.



