ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ސަޢޫދީ ފަންޑުގެ ސީއީއޯގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ރަސްމީ މުހިންމު ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު މީގެ ކުރިންވެސް ތަފާތު އެކި ފަހަރު މަތިން ރާއްޖެއަށް ޒިޔާރަތް ކުރައްވާފައިވެއެވެ. ރާއްޖޭގެ ތަރައްޤީއަށް ސަޢޫދީ ފަންޑުން ވެދެއްވާފައިވާ އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ މިދިޔަ އަހަރު އެމަނިކުފާނަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވާފައެވެ.
ދިވެހިރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މައިދާނުގައި ސަޢޫދީ ފަންޑަކީ މެދުކެނޑުމެއްނެތި ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ މުހިންމު ފަރާތެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ފަންޑުގެ އެހީތެރިކަމާއެކު 40 އަށްވުރެ ގިނަ ތަރައްޤީގެ މަޝްރޫޢު ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.



