ދިވެހިންގެ ތެރެއިން ގެއްލެމުންދާ އިހްތިރާމް ކުރުމުގެ ރީތި އާދަ އަލުން އަށަގެންނެވުމަށް ސަރުކާރުން ފައްޓަވާފައިވާ ”އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު“ގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
ޤައުމީ ފެންވަރުގައި ބޮޑު ކެމްޕެއިނެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ 5 އަހަރު ދުވަހުގެ މި މަޝްރޫޢަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ ”އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ“ އެވެ. މި މަޝްރޫޢުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައި، އެކަމާ ގުޅޭ އުޞޫލު ވުޒާރާއިން މިހާރު ވަނީ ޢާންމުކޮށްފައެވެ.
ލޯގޯ ފަރުމާކުރުމާއި މާކްސް ދިނުމުގެ މިންގަނޑުތައް:
ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުމާއި، ދިވެހި ޤައުމާއި މާހައުލާ ގުޅޭ ކުލަތައް ބޭނުންކުރަން ޖެހެއެވެ. އަދި ބެޖު، ސްޓިކަރ، ބޭނަރ، ޓީޝާޓު އަދި ޗާޕުކުރެވޭ ލިޔުންތަކުގެ އިތުރުން އިލެކްޓްރޯނިކް މީޑިއާއާއި، އެނިމޭޝަނާއި ވީޑިއޯތަކުގައި ފަސޭހައިން ބޭނުންކުރެވޭ ފަދަ ފަރުމާއަކަށް ވާންޖެހެއެވެ.
ލޯގޯއަށް މާކްސް ދިނުމުގައި ބަލާނީ މައިގަނޑު ހަތަރު ކަމަކަށެވެ. އެގޮތުން ކޮލިޓީ އަދި ޓެކްނިކަލް ފެންވަރަށް 30 މާކްސް، އަސްލުވަންތަކަމާއި އުފެއްދުންތެރިކަމަށް 20 މާކްސް، ދިވެހިވަންތަކަމަށް 20 މާކްސް އަދި އިޙުތިރާމު އަދާކުރުން ރަމްޒުކޮށްދީފައިވާ މިންވަރަށް މާކްސް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ. ލޯގޯ ހުށަހަޅަންޖެހޭނީ ހާޑް ކޮޕީ އަދި ސޮފްޓް ކޮޕީއާ އެކުގައެވެ.
ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ. އެއްވަނައަށް ހޮވޭ ލޯގޯ އިޢުލާންކުރުން އޮންނާނީ އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގައި ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.



