ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށް ހޮޓްލައިނަށް ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، އޭގެ ތެރެއިން 9 މީހަކު މިހާރު ޑިޓެންޝަނަށް ގެންގޮސްފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޓަސްކްފޯސްގެ އޮޕަރޭޝަން ނަންބަރެއް ތައާރަފްކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޑިޓެންޝަނަށް މީހަކު ނަގާއިރު ދިވެއްސަކު އެ މީހަކު ބަލައި އަންނަ ކަމަށެވެ. ބިދޭސީއަކު ރާއްޖެ ގެނެސް މަގުމައްޗަށް ދޫކޮށްލާއިރު ކުރާ ކަންތައްތައް ނުބަލައި، ގާނޫނު ތަންފީޒު ކުރަން ފެށުމުން އެ މީހަކު ބަލައި އައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި ބިދޭސީން ލައްވައި ފުޅާ ދާއިރާއެއްގައި ޑޮލަރު މާރުކުރާކަން ތަހުގީގަށް ހާމަވެއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށާއި، ދިވެއްސެއްގެ ނިވާފަތްގަނޑުގައި އެކަން ކުރާނަމަ އެ ދިވެހި މީހާއަށްވެސް ފިޔަވަޅު އަޅައި، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”މީގެ ކުރީގެ ސަރުކާރުތަކުން ޤާނޫނު ތަންފީޒް ނުކޮށް އޮތުމަކީ އެ ޤާނޫނޫތައް މުގުރާލުމަށް ލިބޭ ލައިސަންސަކަށް ނުބަލާށޭ. ތަކުރާރުކޮށް ފެންނަމުންދޭ، ބިދޭސީން ރާއްޖެއަށް ގެނެސް ، އޭނާ އުޅެމުންދަނީ ދިން ހުއްދަތަކާ އެކު ނޫން. އެކަމުގެ ޒިންމާ އެބަޖެހޭ ގެންނަ މީހާވެސް ނަގަންޖެހޭ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ބައެއް ކަންމަތީ ފިހާރަތަކަކީވެސް ޑޮލަރު މާރުކުރާ ތަންތަނުގެ ގޮތުގައި ހަދައިގެން ބިދޭސީން ހިންގަމުންދާ ތަންތަން ކަމަށާއި، އެފަދަ ފަރާތްތަކަށް އެއްވެސް ލުޔެއް ނުދީ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ. މީގެއިތުރުން، މުސާރަ ލިބުމުން ދިވެހި ވިޔަފާރިތަކުގެ އެކައުންޓަށް ޖަމާކޮށް، ކޮންމެ ދުވަހަކު ޑޮލަރަށް ބަދަލުކޮށްގެން ސްމަގްލްކޮށްގެން ބޭރުކުރާ މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަ ޖިނާއީ ކުށްތަކުގައި ދިވެހިން ބައިވެރިނުވުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ހަމައެއާއެކު، ބޮޑެތި އަދަދުތަކުން ޓީޓީ ހައްދަވާ ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި އެކަން ބޭނުންކޮށް، ޖޮބް ވިޔަފާރި ކުރުމަށާއި ބިދޭސީންގެ މުސާރައިގެ ކަންކަމުގައި ބޭނުންކުރާތީ އެ މައްސަލަތައްވެސް ތަހުގީގުކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ބޭންކިން ނިޒާމުގެ ބޭރުން ކަޅު ބާޒާރުގައި ފައިސާ މާރުކުރުމުގެ ސަބަބުން ބޭންކުތަކުން ބޭރު ފައިސާ ލިބޭ މިންވަރު ދަށްވެ، މުދަލުގެ އަގު އުފުލިގެންދާތީ، ސަރުކާރުގެ އަމާޒަކީ ގާނޫނުތަކަށް ގެނެވޭ އިސްލާހުތަކާ އެކު މި މައްސަލައަށް ދާއިމީ ހައްލެއް ގެނެސް، ރައްޔިތުންނަށް ކަނޑައެޅިފައިވާ ރޭޓުގައި ބޭރު ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.



