ދިވެހިރާއްޖެއިން ސަރބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އަލްފާޟިލާ އާމިނަތު ޝަބީނާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސަރބިއާގެ ރައީސް ހިޒް އެކްސަލަންސީ އެލެކްސެންޑަރ ވުޗިޗް އަށް ރަސްމީކޮށް އަރުވައިފިއެވެ.
ބެލްގްރޭޑްގައި ހުންނަ ”ޕެލެސް ސަރބިއާ“ ގައި މިއަދު ހެނދުނު ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށްފަހު، ސަފީރު ޝަބީނާ ވަނީ ސަރބިއާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އެ ޤައުމުގެ ރައީސަށް ތަހުނިޔާއާއި ހެޔޮއެދުންތައް ވަނީ ރައްދުކުރައްވާފައެވެ. އަދި ރާއްޖެއިން ސަރބިއާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރުގެ ގޮތުގައި ހުންނަވައިގެން، ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެކަމަނާ އެރުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސަރބިއާގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލެންސީ މާރކޯ ޑުރިޗް އެކި ޤައުމުތަކުގެ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ސަފީރު ޝަބީނާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، އެ ޤައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ހެޑް މިސް އެލޭނާ މާރކޮވިޗްއާ ބައްދަލުކުރައްވައި، ތަޢުލީމީ، ފަތުރުވެރިކަމުގެ އަދި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ރަސްމީ ދަތުރުފުޅުގައި ސަފީރު އާމިނަތު ޝަބީނާގެ އަރިހުގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އަލްފާޟިލް ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންނެވިއެވެ.



