ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި މިވަގުތު ތިބި އުމްރާވެރިންގެ ހާލު ރަނގަޅު ކަމަށާއި، އެ ފަރާތްތަކަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު މިކަން ހާމަކުރައްވާފައި މިވަނީ، ސަޢޫދީއަށް އަމާޒުކޮށް ފަހަކަށް އައިސް ދެމުންދާ ހަމަލާތަކާ ގުޅިގެން މައްކާ، ޖިއްދާ އަދި ޠާއިފަށް ހަމަލާއެއް އަތުވެދާނެ ކަމަށް ބަލައި ނެރުނު އިންޒާރަކާ ގުޅިގެންނެވެ. ނަމަވެސް، މާ ގިނައިރުތަކެއް ނުވެ އެ އިންޒާރުތައް ވަނީ އުވާލާފައެވެ.
މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން މައްކާގެ ސަރަޙައްދަށް މިފަދަ އިންޒާރެއް ދިން މިއީ ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ސަރަޙައްދުތަކުގައި އެޅި ސަލާމަތީ އަދި ރައްކާތެރިކަމުގެ ކުއްލި ފިޔަވަޅުތައް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ސަޢޫދީގެ މަދަނީ ދިފާޢުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ސަލާމަތީ އިންޒާރު ނެރެފައިވަނީ ޔަމަނުގެ ސަރަޙައްދުން ފޮނުވާލި ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއްގައި ސަޢޫދީގެ ދެކުނުގެ ސަރަޙައްދުތަކުން 13 މީހަކު ޒަޚަމްވި ހާދިސާއަށް 24 ގަޑިއިރު ވީތަނާއެވެ.
ޔަމަނުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ މުހިންމު ސަރަޙައްދުތަކާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަމާމެދު ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، މެދުއިރުމަތީގެ ސަރަޙައްދީ ޤައުމުތަކުން ދަނީ އަމަންއަމާންކަމާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.



