މާލޭ ސަރަހައްދުގައި ހިމަބިހި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި މާލެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އެންމެ 5 މީހުންނެވެ. މިއީ އޭގެ ކުރީ ހަފުތާގައި ރިޕޯޓްކުރެވުނު 12 ކޭސްއާ އަޅައިބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އަލަށް ފެނުނު ކޭސްތަކާއެކު މިއަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 269 އަށް އަރައިފަ އެވެ. ހަމައެއާއެކު، ބަލި ފެތުރުން ހުއްޓުވުމަށް ސިއްހީ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ޖުމްލަ 116,368 މީހަކަށް ހިމަބިހީގެ ވެކްސިން ވަނީ ދީފަ އެވެ.
އެމްއެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރެވުނުކަން ޔަގީންނުވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ބަލި ޖެހިފައިވާ މީހަކާ ކޮންޓެކްޓްވެފައިވާ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލާއި މާލޭގެ އަރބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ޖެހުމުގައި އިސްކަންދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެއިތުރުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަމަލުކުރަންވީ މުހިންމު އިރުޝާދުތަކެއްވެސް އެޗްޕީއޭއިން ވަނީ ދީފައެވެ. އެގޮތުން ހުން އައުމާއެކު ހަމުގައި ރަތް ބިހިތައް ނަގާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށާއި، ޑޮކްޓަރަށް ދައްކަން ދާއިރު މާސްކު އެޅުމަށް ވަނީ އެދިފަ އެވެ. އަދި ބައްޔަށް ޓެސްޓުކޮށްފައިވާނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށާއި އަލާމާތްތައް ހުރިނަމަ އެއްވުންތަކަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.


