ދިވެހިރައްޔިތުން އެދޭ އަމާންކަމާއި ތަރައްގީ ޤައުމަށް ގެނެވޭނީ ޕީއެންސީ ދެވަނަ ދައުރަކަށް އިންތިޚާބުކޮށްގެން ކަމަށާއި، ކޮންގްރެސް ޕާޓީގެ މައިގަނޑު އަމާޒަކަށް ވާންވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުން ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ ޤައުމިއްޔަތަށް އިސްކަންދެއްވާ، ރައްޔިތުންނަށް އަމާނާތްތެރި ލީޑަރެއް ކަމަށެވެ.
އަދި ޕީއެންސީއަކީ އަބަދުވެސް ޤައުމާއި ދިވެހިންގެ މިނިވަންކަމާއި އަސްލު އިސްކުރާ، ޤައުމީ ޖޯޝުން ފުރިގެންވާ ޕާޓީއެއް ކަމަށާއި، ޕާޓީގެ ޝިއާރަކީ ވެސް ”އެންމެ ފުރަތަމަ ޤައުމު“ ކަމުގައި ފާހަގަކުރެއްވިއެވެ.
ޕާޓީގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، 2019 ވަނަ އަހަރުގެ އެޕްރިލް މަހު ބޭއްވި ފުރަތަމަ ކޮންގްރެސްގައި ތިބީ އެންމެ 3،000 އެއްހާ މެމްބަރުން ކަމަށެވެ. ނަމަވެސް، މިހާރު ދެވަނަ ކޮންގްރެސް ބާއްވާއިރު މެމްބަރުންގެ އަދަދު 80،000 އަށް އަރަން ކައިރިވެފައިވާ ކަމަށެވެ.
”އަޅުގަނޑުމެންގެ މަސައްކަތް އަދި ކިރިޔާ ފެށުނީ. އަޅުގަނޑުމެން އަމާޒުހިފާންވީ 2023 ގެ އިންތިޚާބު ކާމިޔާބުކުރި ގޮތަށް ވުރެ ފަސޭހައިން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީއަށް ކާމިޔާބުކޮށްދޭން،“ އަބްދުއްރަހީމް ވިދާޅުވިއެވެ.
1،300 އެއްހާ މެމްބަރުން ބައިވެރިވި މި މަތީ މަޖިލީހުގައި ވަނީ ޕީއެންސީގެ އަސާސީ ޤަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނެސްފައެވެ.
މި އިސްލާހުތައް 1،000 އަށް ވުރެ ގިނަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައިވާއިރު، މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ އަސާސީ ޤަވާއިދަށް މިހާ ގިނަ މެމްބަރުންގެ ވޯޓާއެކު ބަދަލު ގެނެވުނު ފުރަތަމަ ފަހަރެވެ.



