ސަޢޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ”މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން“ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
މި ކޯލިޝަން އުފެއްދީ، ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ކަމަށްވާ ބާބިލް މަންދެބް ކަނޑުއޮޅި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދު ރައްކާތެރިކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކަށް ފްރީޑަމް އޮފް ނެވިގޭޝަން ކަށަވަރުކޮށްދިނުމަށާއި، އިންޓަރނޭޝަނަލް ޓްރޭޑް ރޫޓުތަކުގެ ސެކިއުރިޓީ ޤާއިމުކޮށް، ހުރިހައި ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމުގެ މަޤްޞަދުގައެވެ.
ބައިނަލްއަގުވާމީ ޤާނޫނުތަކާއި، އދ.ގެ މުޢާހަދާތަކާއި، ބައިނަލްއަގުވާމީ ގުޅުންތަކުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން، އުފެއްދި މި ކޯލިޝަނުގައި ދިވެހިރާއްޖޭގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއާ އެކު ގާތްގުޅުންތައް ބާއްވާ ގިނަ ޤައުމުތަކަކުން ބައިވެރިވެފައި ވާ އިރު، މި ކޯލިޝަނުގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި އޮތް ގާތް އަޚްވަންތަ ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ދިވެހިރާއްޖެއަށް މުދާ ގެނައުމަށް ބޭނުންކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިވެހިރާއްޖޭގެ މަސްލަޙަތުތައް ޙިމާޔަތްކުރުމުގައި ދިވެހިރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެއެވެ.
މި ރަސްމިއްޔާތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އޮނަރަބަލް އިރުތިޝާމް އާދަމް އަދި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީގެ އިތުރުން ޚާރިޖީ ވުޒާރާއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންވިއެވެ.



